ލުބްނާނުގެ ހޮސްޕިޓަލަށް ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް އިޒުރޭލުގެ ސިފައިން ބޮންއަޅައިފިއެވެ. މި ޙަމަލާގައި މިހާތަނަށް 7 މީހުން ވަނީ ޝަހީދުވެފައެވެ.
ލުބުނާނުގެ ވެރިރަށް ބައިރޫތުގެ މެދުތެރެއަށް އިސްރާއީލުން ދިން މި ޙަމަލާގައި ގިނަ ބަޔަކު ޒަޚަމް ވެފައި ވާއިރު، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ބައިރޫތުގެ ބަޗޫރާ ސަރަހައްދުގައި ހުންނަ ސިއްހީ މަރުކަޒަކަށެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ލުބުނާނުގެ ވެރިރަށަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، ލުބުނާނުގެ ދެކުނު ބޯޑަރު ހުރަސްކޮށް އެތެރެވާން މަސައްކަތްކުރާ އިސްރާއީލުގެ އެއްގަމު ސިފައިންނަށް ހިޒްބުﷲ އިން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން ބައިރޫތަށް ދިން މި ހަމަލާއަކީ ފާއިތުވި ދުވަސްތަކުގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ. ބައިރޫތުގެ މެދުތެރޭގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތަކުގެ ސަބަބުން އެ ސިޓީގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.









