ޣައްޒާ ހަނގުރާމައިގައި އިނގިރޭސި ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ)ގެ ޢަރަބި ޗެނަލުގެ ފަސްރިޕޯޓަރުން ވަޒީފާއިން ވަކިކުރީ އިޒުރޭލާއި ދެކޮޅުވެރިވުމުން ކަމަށް، ކޯޓުގައި ބީބީސީ އަށް ނުސީދާކޮށް ބުނެވިއްޖެއެވެ. މި އަޑުއެހުމަކީ ވަޒީފާ އިން ވަކިކުރި މުވައްޒަފުން އެ މީހުން ވަކިކޮށްފައި ވަނީ “ނުޙައްޤުން” ކަމަށް ބުނެ ހުށަހަޅަފައިވާ މައްސަލަ އަށް ޖަވާބުދާރީ ވުމަށް ބޭއްވި އަޑުއެހުމެކެވެ.
އިނގިރޭސި ކޯޓުގައި ކުރިޔަށްދާ މި މައްސަލަ ހުށަހެޅީ ވަޒީފާ ގެއްލުނު އަލްޖީރިއާގެ އަޙްމަދު ރޫޢަބާ އާއި ސީރިއާގެ ދީމާ ޢޫދާ އާއި ފަލަސްޠީނުގެ ނާހިދު ނަޖާރުގެ އިތުރުން މިޞްރުގެ މުޙައްމަދު އަލް އަޝީރީ އާއި ޢާމިރު ސުލްޠާނެވެ.
އިސްރާއީލަށް ވަފާތެރިވުމަށް ވާހަކަ ދައްކަމުން އިއްޔެގެ އަޑުއެހުމުގައި ބީބީސީން ބުނީ އެ ކުންފުނީގެ ކަވަރޭޖު ގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި، މީހުންނަށް އޮޅުވާލެވިފައިވާ ކަމަށް ވެދާނެ ކަމަށެވެ.
އަސްލު ޖެހިގެން އުޅޭ މައްސަލަ އަކީ، ހަނގުރާމަ ފެށި ހަފްތާގައި އިޒުރޭލުން ދެމުންދާ ޙަމަލާތައް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިދެންނެވި ޢަރަބި ނޫސްވެރިން ބީބީސީ ޢަރަބި ޗެނަލުން ވަގުތުން ދުރަށް ދެއްކީމައެވެ. ވަޒީފާ އިން ވަކިކުރި ޢާމިރު ސުލްޠަނަކީ 17 އަހަރު ވަންދެން އެ ކުންފުނީގައި މަސައްކަތްކުރި މުވައްޒަފެކެވެ. މި އެންމެން ވަޒީފާ އިން ވަކިކުރުމަށް ފަހު ބީބީސީ އިން ވަނީ އެ ކޮންޓެންޓްތައް ވެސް ރިމޫވް ކޮށްލާފައެވެ.










