މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ރާއްޖޭގެ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދީފި އެވެ.
އީރާނާއި، އިސްރާއީލް އަދި އެމެރިކާ ހިމެނޭ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ކެބިނެޓް ކޮމިޓީން ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެހޭ އުސޫލެއްގެ ތެރެއިން މެނޭޖްކޮށް، ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ މުހިންމު އެއް ނިންމުމަކީ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް އުނިނުކުރުމާއި، މިހާރު ހިނގަމުންދާ އެއްވެސް މަޝްރޫއެއް އެއްކޮށް ހުއްޓާނުލުން ކަމުގައި ފާހަގަކުރެއްވި އެވެ. ނަމަވެސް، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ ފުޅާ ސިޔާސަތުގެ ދަށުން، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރުމާއި، ދަރަނި އަދާކުރުމުގެ ތަރުތީބަށް ބަދަލުތަކެއް ގެނައުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ތަރައްގީގެ މަސައްކަތްތައް ހުއްޓާނުލައި، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ އެއްގޮތަށް ދައުލަތުގެ ކޭޝް ފްލޯއަށް ކުރިމަތިވާ ތާށިކަން ކުޑަކުރުމެވެ. މީގެ ސަބަބުން އިސްކަންދޭ މުހިންމު މަޝްރޫއުތައް ދެމެހެއްޓުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ މި ސިޔާސަތަކީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު، ދައުލަތުގެ ރިޒާވް އެންމެ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް އެކުލަވާލާފައިވާ ރޭވުމެކެވެ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތައާރަފު ކުރި ނަމަވެސް، އެކަން ކުރާނީ ގައުމީ ތަރައްގީގެ އިސްކަންދޭ ކަންކަމަށް އުނިކަން ނާންނާނެ ގޮތަށް އަދި ދައުލަތުން ވެފައިވާ އިލްތިޒާމްތައް ފުރިހަމަކުރެވޭނެ އުސޫލެއްގެ ތެރެއިން ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ މާލީ ސިޔާސަތު ބައްޓަންކޮށްފައިވަނީ މާލީ އަދަބުވެރިކަން ހިފެހެއްޓުމާއި މަޝްރޫއުތައް ކުރިއަށްގެންދިއުމާ ދެމެދު ހަމަހަމަކަމެއް ގާއިމުކުރުމަށެވެ. މަޝްރޫޢުތަކުގެ މުއްދަތު އިތުރުކޮށް، ދަރަނި އަދާކުރުމުގެ އުސޫލުތައް މުރާޖައާކުރުމުން، މަޝްރޫއުތައް މުޅިން ހުއްޓާލުމުގެ ބަދަލުގައި ކޭޝް ފްލޯ މެނޭޖްކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.










