މާލެ އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި ގެނބިގެން، އުމުރުން އެންމެ ދެ އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މާޗު 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތާއި ހާދިސާ ހިނގި ރިސޯޓުގެ ނަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.