ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ޖުމްލަ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓާ ސިޓީ މުބާރާތުން ކަޓުވާލާ ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. މިއީ ފާއިތުވި ފަސް ސީޒަނުގެ ތެރޭގައި ރެއާލްއިން ސިޓީ މުބާރާތުން ބޭރުކުރި ހަތަރުވަނަ ފަހަރެވެ.
ފުރަތަމަ ލެގުން 3-0 އިން ބަލިވެފައި އޮތުމުން ސިޓީއަށް މި މެޗު އުނދަގޫވެފައި ވަނިކޮށް، މެޗުގެ ކުރީކޮޅު އެ ޓީމުގެ ކެޕްޓަން ބެނާޑޯ ސިލްވާ ގޯލް ލައިން މަތިން އަތުން ބޯޅަ ހުއްޓުވުމާ ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އަދި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލްއަށް ކުރިހޯދައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އާލިން ހާލަންޑް ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ފަހު ހާފުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ވިނީޝިއަސް ވަނީ ދެވަނަ ލަނޑެއް ޖަހައި ރެއާލް މެޑްރިޑް މޮޅުކޮށްދީފަ އެވެ. މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯ ބުނީ، ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅެންޖެހޭ މެޗު ވަރަށް އުނދަގޫވާނެ ކަމަށާއި، އެ މެޗުން މޮޅުވުމަށް ޓީމެއްގެ ގޮތުގައި ވަރުގަދައަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އެހެން މެޗުތަކުގެ ނަތީޖާ:
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވަނީ ސްޓެމްފޯޑް ބްރިޖްގައި ޗެލްސީ 3-0 އިން ބަލިކޮށް، ޖުމްލަ 8-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ ކްވިޗާ ކްވަރަޓްސްކޭލިއާ، ބްރޭޑްލީ ބާކޯލާ އަދި ސެނީ މަޔޫލޫ އެވެ. ކުއާޓާގައި ޕީއެސްޖީ ބައްދަލުކުރާނީ ލިވަޕޫލް ނުވަތަ ގަލަތަސާރާއިގެ ތެރެއިން މޮޅުވާ ޓީމަކާ އެވެ.
އާސެނަލްއިން ވަނީ ބަޔާ ލެވަކޫސަން 2-0 އިން ބަލިކޮށް ޖުމްލަ 3-1 ގެ އެގްރިގޭޓުން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެބެރެޗީ އެޒޭ އާއި ޑެކްލަން ރައިސްގެ ލަނޑުތަކުން މޮޅުވި އާސެނަލް، ކުއާޓާގައި ނުކުންނާނީ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށެވެ. ސްޕޯޓިންއިން ވަނީ ބޯޑޯ/ގްލިމްޓްގެ މައްޗަށް 5-0 އިން ކުރިހޯދާފަ އެވެ.










