ރ. މީދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ ބިންގާ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަޅައިފިއެވެ.
މީދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އެވެ.
މީދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އެންމެ ފުރަތަމަ އިއުލާންކުރީ ކުރީގެ ސަރުކާރުގައެވެ. ނަމަވެސް އެ އިއުލާން ބާތިލުކުރުމަށްފަހު، ކުރީ ސަރުކާރުގެ ފަހުކޮޅު މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 135 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އޭރު މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާއިރު، މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި މި މަސައްކަތް ކުރުމަށް އާރުޑީސީއާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދެވަނަ އެއްބަސްވުމުގައި ސޮއިކުރިތާ ގާތްގަނޑަކަށް އަހަރެއްވާން ގާތްވެފައި ވަނިކޮށް މިހާރު މިވަނީ އަމަލީ މަސައްކަތް ފެށުމަށް ބިންގާ އަޅާފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް، މިހާރު ކުރިއަށްދާ މަޝްރޫއުގެ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، މި ހޮސްޕިޓަލަކީ ކިތައް އެނދުގެ ހޮސްޕިޓަލެއް ކަމާއި މިހާރު މި މަޝްރޫއު ކުރިއަށްދާ އަގު އަދި ސާފެއް ނުވެއެވެ.









