ސަލާމަތީ ކަންބޮޑުވުން ތަކާއި ގުޅިގެން ޣިރާޤުގެ އިރްބީލް ގައި ތިބި އިޓަލީ ސިފައިން ފައިބާން ނިންމައިފި ކަމަށް އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ބުނެފިއެވެ.
ނޭޓޯ އިން ޣިރާޤަށް އަރައި އެ ޤައުމުގެ ރައީސް ރައީސް ޞައްދާމް ޙުސައިން ދަންޖައްސައި އަވަހާރަ ކޮށްލުމަށް ފަހު ޣިރާޤުގައި ތިބީ ބޭސްތައް ހަދައިގެންނެވެ.
އިޓަލީ ސިފައިން ތިބޭ ބޭސް އަށް އީރާނުން ވަނީ ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އިޓަލީ އިން ބުނީ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ޙަމަލާ އައުމުގެ ކުރިން ސިފައިން ވަނީ ރައްކާތެރިކަން ހޯދާފައި ކަމަށެވެ.
ކްރޮސެޓޯ ފާހަގަކުރެއްވި ގޮތުގައި ސަލާމަތީ ކަންބޮޑުވުންތަކާއި ގުޅިގެން އިޓަލީން މިހާރު ވަނީ އެ ސަރަޙައްދުން އެމީހުންގެ ސިފައިން މަދުކުރަން ފަށާފައެވެ. އެގޮތުން މިހާރު ވެސް 102 ސިފައިން އިޓަލީއަށް ގެންގޮސްފައި ވެއެވެ.
ޣިރާޤުގައި މިވަގުތު އިޓަލީގެ 141 ސިފައިން އެބަތިއްބެވެ. ފުލައިޓުން އެ ސިފައިން ގެންދަން އިޓަލީ އިން ބިރު ގަނެއެވެ. އެހެންވެ މަސައްކަތް ކުރަނީ އެއްގަމުމަގުން އެ މީހުން ބޭރު ކުރެވޭތޯ ކަމަށް އިޓަލީގެ މިނިސްޓަރު ބުންޏެވެ.
ޣިރާޤުގައި ހުރި ނޭޓޯގެ އެއާ ބޭސް އަށް އީރާނުން ހަމަލާ ދީފައި ވަނީ އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 އިން ފެށިގެން އީރާނަށް ވައިގެ ހަމަލާތައް ދެމުންދާތީއެވެ.
އީރާނުން ގެންދަނީ އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ ހުރިހާ ތަނަކަށް ކަހަލަ ގޮތަކަށް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ.










