ޤަޠަރަށް މި ފަހުން ދިން ޙަމަލާ ތަކުގެ މަންޒަރު ރެކޯޑް ކުރި އެކި ޤައުމުތަކުގެ 313 މީހަކު އެ ޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ހައްޔަރުކޮށްފިއެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ޙަމަލާ ދިނުމުން އެކަމުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލުގެ އިތުރުން ސަރަޙައްދުގައިވާ އެމެރިކާގެ ބޭސްތަކަށް ޙަމަލާ ދީފައެވެ. އެ ގޮތުން ޤަޠަރަށް ވެސް ޙަމަލާ ދިނީއެވެ.
ޤަޠަރަށް ޙަމަލާ ދިނުމުން ލިބިފައިވާ ގެއްލުންތަކާއި މަންޒަރުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ ދައުރު ވަމުންނެވެ. ޤަޠަރުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ބުނީ އެ މީހުން ހައްޔަރު ކޮށްފައި ވަނީ ގޯސް މައުލޫމާތު ފެތުރުން ކޮންޓްރޯލްކޮށް ގައުމީ ސަލާމަތް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ޤަޠަރުން ބުނީ އެ ކްލިޕްތައް ފޭސްބުކް، ޓެލެގްރާމް، އަދި އެހެނިހެން ސޯޝަލް ނެޓްވޯކް ފަދަ ޕްލެޓްފޯމްތަކުގައި ދައުރުކޮށްފައި ވަނީ ރަސްމީ ހުއްދައެއް ނެތި ކަމަށެވެ. އަދި ސަލާމަތީ ގޮތުން ނާޒުކު ހާލަތްތަކުގައި މިފަދަ ވީޑިއޯތައް އާންމުކުރުމަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފެތުރި، ސަލާމަތީ މުހިންމު މައުލޫމާތުތައް ހާމަވެދާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.










