ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވިދާލި އެއް ތަރި ކަމަށްވާ ލިއޮނަލް މެސީ، އޭނާގެ ފާހަގަކޮށްލެވޭ ކާމިޔާބު ކެރިއަރުގައި އިތުރު ބޮޑު މައިލްސްޓޯނަކާ ގާތްވަމުން އެބަދެ އެވެ. އެއީ އޭނާގެ ކެރިއަރުގެ 900 ވަނަ ލަނޑެވެ.
އަށް ފަހަރު ބެލޮންޑޯ ހޯދާފައިވާ މެސީ މިވަގުތު ކެރިއަރުގައި ޖަހާފައިވަނީ 899 ލަނޑެވެ. މިއީ އޭނާގެ ކްލަބު ކެރިއަރުގައި ބާސެލޯނާ، ޕީ.އެސް.ޖީ އަދި މިހާރު ކުޅެމުންދާ އިންޓަރ މިއާމީގެ އިތުރުން އާޖެންޓީނާގެ ގައުމީ ޓީމަށް ޖަހައިދީފައިވާ ޖުމްލަ ލަނޑުތަކެވެ. 2025 ވަނަ އަހަރުގެ އެމް.އެލް.އެސް ކަޕް ކާމިޔާބުކުރި މެޗަށްފަހު، މެސީ ވަނީ މި ޝަރަފުވެރި ނަމްބަރާ ހަމައަށް ވާސިލްވުމަށް އެންމެ ލަނޑަކަށް ގާތްވެފަ އެވެ.
މިވަގުތު ދުނިޔޭގައި ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން 900 ލަނޑަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ މެސީގެ ޒަމާންވީ ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެކަންޏެވެ. ރޮނާލްޑޯ މި ލަނޑުދަނޑި ހާސިލްކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ދެން އެންމެ ގިނަ ލަނޑު ޖަހާފައިވާ ރޮބަޓް ލެވަންޑޯސްކީ ހުރީ 690 ލަނޑާއެކު ފަހަތުގަ އެވެ.
މެސީގެ ކެރިއަރުގައި އޭނާ އެންމެ ފުރަތަމަ ގޯލެއް ޖަހާފައިވަނީ ބާސެލޯނާގެ ޖާޒީގައި 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން ވޭތުވެދިޔަ 21 އަހަރު ތެރޭގައި އޭނާ ވަނީ ފުޓްބޯޅައިގެ ތާރީހުގައި ނުފެންނަ ފަދަ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެސީގެ 899 ލަނޑުގެ ތަފްސީލަށް ބަލާއިރު:
ބާސެލޯނާ: 778 މެޗުން 672 ލަނޑު (މިއީ އޭނާގެ ކެރިއަރުގެ %75)
ޕީ.އެސް.ޖީ: 75 މެޗުން 32 ލަނޑު
އިންޓަރ މިއާމީ: 91 މެޗުން 80 ލަނޑު
އާޖެންޓީނާ: 196 މެޗުން 115 ލަނޑު
މެސީގެ އެންމެ ކާމިޔާބު ސީޒަނަކީ 2011-2012 ވަނަ އަހަރެވެ. އެ އަހަރު އޭނާ ވަނީ ކްލަބާއި ގައުމަށް ޖުމްލަ 82 ލަނޑު ޖަހާފައެވެ. އަދި 2012 ވަނަ އަހަރު އެކަނި 91 ލަނޑު ޖަހައިގެން، އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ދުނިޔޭގެ ރެކޯޑުވެސް އޭނާ ވަނީ ހޯދާފަ އެވެ.
މިހާރު އުފެދޭ ސުވާލަކީ ކެރިއަރުގައި މެސީއަށް 1،000 ލަނޑުގެ ޖެހިދާނެތޯ އެވެ؟ ރޮނާލްޑޯ މިހާރު ހުރީ 965 ލަނޑާއެކު 1،000 ލަނޑާ ވަރަށް ގާތުގަ އެވެ. ނަމަވެސް މެސީއަކީ ރޮނާލްޑޯއަށްވުރެ ދެ އަހަރާއި ބައި ހަގު ކުޅުންތެރިއަކަށް ވުމާއެކު، އޭނާއަށް ވަގުތު އެބައޮތެވެ. އިންޓާ މިއާމީއާއެކު 2028 ގެ ނިޔަލަށް އެއްބަސްވުން އޮތްއިރު، މިހާރު ލަނޑު ޖަހަމުންދާ ރޭޓުން ބަލާނަމަ، ކެރިއަރު ނިންމާލާއިރު ރޮނާލްޑޯގެ ރެކޯޑު މުގުރާލުމުގެ ފުރުސަތު މެސީއަށް އެބައޮތެވެ.
މެސީއާއި ރޮނާލްޑޯއަކީ ފުޓްބޯޅައިގެ މި ޒަމާން ބަދަލުކޮށްލި ދެ ކުޅުންތެރިންނެވެ. މި ދެ ތަރިންގެ ވާދަވެރިކަން އަދިވެސް ދަނީ ކުރިއަށެވެ.










