އެކި މައްސަލަތަކާ ގުޅިގެން އދ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
މި މާރިޗު މަހުގެ 3 ވަނަ ދުވަހު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފައި ވަނީ 33 ފުޅި ބަނގުރަލާއި 169 ދަޅު ބަނގުރަލެވެ. އެއީ ޖުމްލަ 202 ބަނގުރަލެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތް ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތެވެ. މިގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މިފަދަ ތަކެތި އަތުލައިގަނެ، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެތަކެތި ނައްތާލުމުގެ މަސައްކަތްތައް ނިޒާމީ ގޮތެއްގައި ހަރުދަނާ ކަމާއެކު ތަންފީޒު ކުރަމުންނެވެ










