މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދަން ފުލުހުން ޢިއުލާނުކޮށް، އެ މީހުންގެ ވީޑިއޯ އާންމުކޮށްފިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ ވީޑިއޯގައި އާންމުކޮށްފަައިވާ މީހުންނަކީ އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުޤީޤުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް ހޯދިފައި ނުވާ މީހުން ކަމަށެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ފިހާރައެއްގެ ތެރޭގައި ތިން މީހުން ހަރަކާތްތެރިވާ މަންޒަރެވެ.
އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް އިކޮނޮމިކް ކްރައިން އިންވެސްޓިގޭޝަން ނަންބަރު 9790048 އަށް ގުޅައި ޙިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަ މައްސަލައެކެވެ.









