ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހުރޭން، ގަތަރު، އުރުދުން އަދި ކުވެއިތަށް އީރާނުން ދިން ހަމަލާތައް ސައުދީ އަރަބިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަވަށްޓެރި އަރަބި ގައުމުތަކަށް އަމާޒުކޮށް އީރާނުން ދިން މި ހަމަލާތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި މި އަމަލުތައް ކުށްވެރިކުރަނީ "އެންމެ ހަރުކަށި އިބާރާތުން" ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން، ދައުލަތްތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަނެ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާނަމަ، އޭގެ ސަބަބުން "ނުރައްކާތެރި ނަތީޖާތަކެއް" ނުކުމެދާނެ ކަމުގެ އިންޒާރު ސައުދީން ވަނީ ދީފަ އެވެ. ސައުދީން ބުނި ގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.
މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ސަމާލުވުމަށް ސައުދީން ވަނީ ގޮވާލާފަ އެވެ. އީރާނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، އަރަބި ގައުމުތަކަށް އަމާޒުވި މި ހަމަލާތަކަކީ ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ފަދަ ނުރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.










