މެކްސިކޯގެ ގޭންގު ލީޑަރު ނެމެސިއޯ އޮސެގުއެރާ ސެރްވާންޓޭސް ނުވަތަ އެލް މެންޗޯ މަރުވީ އޭނާ ހައްޔަރުކުރަން ސިފައިން އުޅުނު ވަގުތު އޭނާގެ ކާޓެލްގެ ސެކިއުރިޓީން ސަލާމަތީ ބާރުތަކުގެ މީހުންގެ ގަޔަށް އިސްވެ ބަޑިޖަހަން ފެށުމުން ދިން ރައްދު ޙަމަލާއިން ކަމަށް މެކްސިކޯ އިން ބުނެފިއެވެ.
މެކްސިކޯގެ ދެވަނަ އެލް ޗަޕޯ ކަމަށް ބުނާ އެލް މެންޗޯ މަރާލާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އިރު އޮއްސުނު ތަނާ ހެން އެ ޤައުމުގެ ސިފައިން ހިންގި އޮޕަރޭޝަނުގައެވެ. އޭރު އޭނާ ހުރީ ފަރުބަދަމަތީ ޓަޕަލްޕާ ޓައުންގެ ކާޓަލްގައެވެ.
އޭނާ ހައްޔަރުކުރުމަށް ދިޔައީ މެކްސިކޯގެ އަސްކަރިއްޔާ އާއި ނޭޝަނަލް ގާޑުންގެ ޓީމެކެވެ. އެ މީހުން ދިޔައީ ހެލިކޮޕްޓަރުތަކުގައި ކަމަށާއި، އެ ސަރަޙައްދަށް ފާބައި ލޮކޭޝަން ޓްރެކް ކޮށްގެން އޭނާ ހުރި ހިސާބަށް ދިޔުމާއި އެކު، ކާޓެލްގައި ތިބި މީހުން ސިފައިންނާއި ދިމާލަށް ބަޑި ޖަހައި ވަރުގަދަ ކުރިމަތިލުމަކަށް ދިޔަ ކަމަށް މެކްސިކޯ އިން ބުނެއެވެ. ދެފަރާތުން ބަދަލުކުރި ޙަމަލާ ތަކުގައި އެލް މެންޗޯ އާއި އޭނާގެ ކައިރީގައި ތިބި ވަރަށް ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މެކްސިކޯ ސަރުކާރުން ބުނީ އެތަނުން އެލް މެންޗޯ ނެރެފައިވަނީ އަސްކަރީ ހެލިކޮޕްޓަރުގައި ކަމަށާއި އޭނާ މެކްސިކޯ ސިޓީގެ ހޮސްޕިޓަލަކަށް ގެންދިޔަ މަގުމަތީގައި މަރުވީއެވެ.
ޙަމަލާ ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ކައިރީގައި ތިބި 6 ބޮޑީގާޑުންގެ ތެރެއިން 4 ބޮޑީގާޑުން ވަނީ އެތަނުންއެތަނަށް މަރާލާފައެވެ. އަނެއް 2 މީހުން މަރުވެފައި ވަނީ އަސްކަރީ ހެލިކޮޕްޓަރުގައި އެލް މެންޗޯ އާއި އެކު ހޮސްޕިޓަލަށް ގެންދަނިކޮށެވެ.










