ޖަލްސާ އަށް ހުރަސްއެޅުމުން އެމްޑީޕީ މެމްބަރުންތަކެއް މަޖިލިސް ތަޅުމުން ނެރެފި

މުހައްމަދު ޖަމްޝަތު | 16 ގަޑިއިރު ކުރިން - 10 ފެބްރުއަރީ 2026 10:46
މިއަދުގެ ޖަލްސާގައި އެމްޑީޕީ މެމްބަރުން ހަމަނުޖެހުން ހިންގުމުން ސެކިއުރިޓީންގެ އެހީގައި ވަނީ ބޭރުކޮށްލާފަ---
މިއަދުގެ ޖަލްސާގައި އެމްޑީޕީ މެމްބަރުން ހަމަނުޖެހުން ހިންގުމުން ސެކިއުރިޓީންގެ އެހީގައި ވަނީ ބޭރުކޮށްލާފަ---
ޚުލާސާ

އެމްޑީޕީގެ 6 މެމްބަރެއްގެ ނަން އިއްވައި ވަނީ މަޖިލީހުން ބޭރުކޮށްލާފަ. ނަން އިއްވެވި މެންބަރުން މަޖިލިސް ތަޅުމުން ބޭރުކުރަންޖެހުނީ ސެކިއުރިޓީންގެ އެހީގައި.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް ޖަލްސާ ކުރިއަށްގެންދަން ހުރަސް އެޅުމުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅައި ޒުވާބުކޮށް ހަމަނުޖެހުން ހިނގާފައިވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސްގެ ތެރެއިންނެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށްދިޔައީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމެވެ. ކޮމިޓީން ނިންމާފައިވަނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ރިފަރެންޑަމް، އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ކުރިއަށް ގެންދިއުމަށެވެ. ބަހުސް ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ ބިލާ މެދު ނުރުހުން ފާޅުކޮށް އަޑުގަދަކުރަން ފަށާފައެވެ.

މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެންމެ ފުރަތަމަ ނަން އިއްވެވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އޭގެ ފަހުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ވަނީ ނުރުހުން ފާޅުކުރައްވައި ބަހުސްގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ.

މެންބަރު ޒިޔާދު ނުރުހުން ފާޅުކުރެއްވީ ބަހުސްގައި ބައިވެރިވުމަށް ފުރުސަތަށް އެދިފައި ވަނިކޮށް، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަށް ފުރުސަތު ދެއްވި ކަމަށް ތުހުމަތުކުރައްވަ އެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ ޒިޔާދު ފުރުސަތަށް އެދިވަޑައިގަތުމަށްފަހު އެކަން ކެންސަލް ކުރައްވާފައިވާތީ އެހެން މެންބަރަކަށް ފުރުސަތު ދެއްވީ ކަމަށެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޕީއެންސީ އާއި އެމްޑީޕީ މެންބަރުންގެ މެދުގައި ބޮޑު ޒުވާބެއް ހިނގި އެވެ.

މަޖިލީހުގެ ރައީސް ނަން އިއްވައި ތަޅުމުން ނުކުންނަން އެންގެވި މެންބަރުންގެ ތެރޭގައި ހުސައިން ޒިޔާދު، މީކާއީލް އަހުމަދު ނަސީމް، މުހައްމަދު ނިއުޝާދު، ޑރ. އަހުމަދު ޝަމްހީދު އަދި އަހުމަދު ޝާކިރު ހިމެނިވަޑައިގަންނަވައެވެ.

ނަން އިއްވެވި މެންބަރުން ތަޅުމުން ނުކުމެވަޑައިނުގަތުމުން، މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށް އެ ބޭފުޅުން ނެރުމަށްޓަކައި ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%