ނެޝަނަލް ސެންޓާފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާހް ކޮށްފި އެވެ.
އައިޖީއެމްއެޗުން ބުނީ މި ސެންޓްރު އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ނާރުގެ ބަލިތިތައް ކުރިއާލާ ދެނެގަތުމާއި، އެބަލިތަކަށް ބޭނުންވާ ފަރުވާ އަވަހަށް ފެށުން ކަމަށެވެ. އޭގެ ސަބަބުން ހާއްސަ ގޮތެއްގައި ކުޑަކުދިންނަށް ދިމާވާ ނާރާއި ސިކުނޑީގެ ބަލިތަކަށް އަވަސް ފަރުވާއެއް ލިބުމުން، ނުކުޅަދުންތެރިކަމަށް މަގުފަހިވުމުގެ ފުރުސަތު ކުޑަ ކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުން ބުނީ ނިއުރޯސައިންސް ސެންޓަރުގެ ސަބަބުން ރޮބޮޓިކް ޓެކްނޮލޮޖީ މެދުވެރިކޮށް ޒަމާނީ ވަސީލަތްތަކާއިއެކު ސިކުނޑި އާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރުމަށް މަގުފަހި ވާނެ ކަމަށެވެ. ހަމަ އެއާއެކު މުޅި ރާއްޖެ ގުޅާލެވޭ ފަދަ ވިއުގައަކުން، ސްޓްރޯކް ޖެހޭ ބަލި މީހުންނަށް އަވަސް ފަރުވާދެވޭނެ ނިޒާމެއް ވެސް އެ ސެންޓަރާއިއެކު ގާއިމް ވާނެ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ނިއުރޯސައިންސް ސެންޓަރު ގުޅިގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައި އެވެ. އެ ޕްރޮގްރާމްއާއެކު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ރަނގަޅު ފެންވަރުގެ ނާރުގެ ބަލިތަކުގެ ފަރުވާ ކޮންމެ ރައްޔިތަކަށް ފަސޭހައިން ލިބޭނެ ގޮތް މެދުވެރިވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އޭގެ އިތުރުން ނެޝަނަލް ސެންޓާފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި، ހާއްސަ ލެބޯޓަރީ ޓެސްޓުގެ ހިދުމަތާއި ވިޑިއޯ އީއީޖީއާއި ނިއުރޯ ނެވިގޭޝަން ސާޖަރީގެ ހިދުމަތް އެ ސެންޓަރުން ލިބޭނެ އެވެ. އަދި ނިއުރޯސާޖިކަލް އައިސީޔޫގެ ހިދުމަތް ވެސް އެ ސެންޓަރަށް ތައާރަފް ކުރުމަށް ވަނީ ރާވާކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވެ އެވެ.
ހަމަ އެހެންމެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ގޮތުން އެ ސެންޓަރުގައި އެންޑޯވަސްކިއުލާ ދާއިރާއިން ޑޮކްޓަރުން ތަމްރީން ކުރުމަށް ދެ އަހަރު ދުވަހުގެ ފެލޯޝިޕް ޕްރޮގްރާމެއް އެ ސެންޓަރު މެދުވެރިކޮށް ހިންގުމަށް ރޭވިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފައިވެ އެވެ.
މިދިޔަ އަހަރު ނާރުގެ ބަލިތަކާ ގުޅުން ހުރި ފަރުވާތަކާއި އާ އޮޕަރޭޝަންތައް ފެށުމާއިއެކު، ބަލިމީހުން ރާއްޖޭއިން ބޭރުން މިފަރުވާ ހޯދަންދާ މިންވަރު ވަނީ ކުޑަވެފަ އެވެ. ނާރުގެ ބަލިތަކަށް ފަރުވާ ކުރުމަށް އިފްތިތާހް ކުރި ސެންޓަރާއެކު ނާރުގެ ބަލިތަކާއި ސްޓްރޯކްގެ ޕޭޝަންޓުންނަށް ރަނގަޅު ފެންވަރުގެ ފަރުވާ ރާއްޖެއިން ލިބޭނެ އެވެ.









