ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ އުތުރުގެ 13 ފަޅެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިރޭ ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ، ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އެ އިއުލާނާއެކު އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަޅުތަކުގައި ރިޒޯޓް ހަދާނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި ކަމަށެވެ.
ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ދޫކުރާ ފަޅުތަކަކީ؛
- ހއ. މާދުނި ފަރު 1 (200 ހެކްޓަރު)
- ހއ. މާދުނި ފަރު 2 (200 ހެކްޓަރު)
- ހއ. މާދުނި ފަރު 3 (200 ހެކްޓަރު)
- ހއ. ކެލާ ފަޅު 1 (156.2 ހެކްޓަރު)
- ހއ. ކެލާ ފަޅު 2 (169.3 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 1 (200 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 2 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 1 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 2 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 3 (200 ހެކްޓަރު)
- ށ. ގޮނާ ފަރު 1 (200 ހެކްޓަރު)
- ށ. ގޮނާ ފަރު 2 (200 ހެކްޓަރު)
- ށ. ގޮނާ ފަރު 3 (200 ހެކްޓަރު)
މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2 މާޗު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ވާޗުއަލްކޮށެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 މާޗު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހެ އެވެ. އީމެއިލް ކުރާއިރު އައި.އެފް.ބީ ނަންބަރާއި، ބައިވެރިވާ ފަރާތުގެ ނަމާއި، ފޯނު ނަންބަރު އަދި ކުންފުނީގެ މައުލޫމާތު ހިމަނަންވާނެ އެވެ.
ބީލަން ފޮތް ގަތުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމު މިހާރު ވަނީ އިއުލާނާއެކު އާންމުކޮށްފައެވެ. ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ 9 ފެބުރުވަރީ 2026 އިން ފެށިގެން 5 އެޕްރީލު 2026 ގެ ނިޔަލަށެވެ. ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ރިސެޕްޝަނުން (ވެލާނާގެ، 5 ވަނަ ފަންގިފިލާ) ނުވަތަ އީމެއިލް މެދުވެރިކޮށް ބީލަން ފޮތް ލިބޭނެ އެވެ.
މި އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލަށް ސުވާލު ފޮނުވުމަށް ވަނީ އެދިފަ އެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އެވެ.
މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކޮށް، އިގްތިސާދީ ފުރުސަތުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އުތުރުގެ ފަޅުތަކުގައި ރިޒޯޓް ތަރައްގީކުރުމަކީ އެ ސަރަހައްދުގެ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.









