އައިސީއީ އާއާއެކު އޮތް ގުޅުން ކަނޑާލުމަށް ގޫގުލްގެ މުވައްޒަފުން ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 7 ފެބްރުއަރީ 2026 20:57
ގޫގުލް އޮފީސް---
ގޫގުލް އޮފީސް---
ޚުލާސާ

ގޫގުލްގެ ދާއިމީ 900 އެއްހާ މުވައްޒަފުން ވަނީ އެމެރިކާ ސަރުކާރުގެ ތެރޭގައި އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރެވެމުންދާ ގޮތުގެ ފުރިހަމަ ތަފްސީލު ހާމަކުރުމަށް ޑިމާންޑްކޮށްފައި.

އެމެރިކާ ސަރުކާރުން ހިޖުރަވެރިންނާ ދެކޮޅަށް ހިންގާ ހަރުކަށި އޮޕަރޭޝަންތަކުގައި ގޫގުލްގެ ޓެކްނޮލޮޖީ ބޭނުންކުރާތީ، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީއާ) އާއެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލުމަށް ގޫގުލްގެ މުވައްޒަފުން އެ ކުންފުނީގެ އިސްވެރިންނަށް ގޮވާލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އާންމުކުރި ސިޓީއެއްގައި، ގޫގުލްގެ ދާއިމީ 900 އެއްހާ މުވައްޒަފުން ވަނީ އެމެރިކާ ސަރުކާރުގެ ތެރޭގައި އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރެވެމުންދާ ގޮތުގެ ފުރިހަމަ ތަފްސީލު ހާމަކުރުމަށް ޑިމާންޑްކޮށްފަ އެވެ. ގޫގުލްއިން އަންނަނީ ސަރުކާރުގެ އެކި އިދާރާތަކަށް "ކްލައުޑް ސާވިސް" ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއްގެ ދަށުން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމާ ގުޅުންހުރި މަސައްކަތްތައް ވެސް ހިމެނެ އެވެ.

މި މައްސަލައިގައި ނުރުހުން ފާޅުކުރަމުން ގޫގުލްގައި ހަތް އަހަރު ވަންދެން މަސައްކަތްކޮށްފައިވާ މުވައްޒަފަކު ބުނި ގޮތުގައި، އިމިގްރޭޝަން ތަންފީޒީ އިދާރާތަކާ އެކު ގޫގުލްއިން މިފަދަ ގުޅުމެއް ދެމެހެއްޓުމަކީ ބަލައިގަންނަން އުނދަގޫ، ހައިރާންކުރުވަނިވި ކަމެކެވެ. މީގެ އިތުރުން، މެނޭޖްމަންޓަށް މި ޑިމާންޑްތައް ހުށަހެޅުމުގައި އިސްކޮށް އުޅޭ އެލެކްސް ބުނީ، އޭނާ އެ ކުންފުންޏާ ގުޅުނީ އެއީ އަހުލާގީ މިންގަނޑުތަކެއް ހިފަހައްޓާ ކުންފުންޏަކަށް ވާތީ ކަމަށާއި، ނަމަވެސް މިހާރު އެ ފަހުރުވެރިކަން ގެއްލިފައިވާ ކަމަށެވެ.

ފާއިތުވި އަހަރުގެ ތެރޭގައި، ޓްރަމްޕްގެ ސަރުކާރުން ވަނީ ހިޖުރަވެރިން ގަދަކަމުން ބޭރުކުރުމުގެ ޕްރޮގްރާމް ވަރުގަދަކޮށް، އައިސީއީއާ އަދި "ކަސްޓަމްސް އެންޑް ބޯޑާ ޕެޓްރޯލް"ގެ ހަތިޔާރު އެޅި އެޖެންޓުން އެކި ސިޓީތަކަށް ފޮނުވާފަ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި އަނިޔާވެރި އަމަލުތަކާއި މީހުން މަރުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ. މުވައްޒަފުން ކަންބޮޑުވަނީ އެމީހުންގެ މަސައްކަތް މިފަދަ އަމަލުތައް ހިންގާ "ޑިޕާޓްމަންޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ"ފަދަ އިދާރާތަކަށް އެހީތެރިކަމަށް ވާތީ އެވެ.

ގޫގުލްގެ މުވައްޒަފުން މި ސިޓީ ނެރުނީ، މީގެ ދެ ހަފުތާ ކުރިން އެމެޒޯން، މައިކްރޯސޮފްޓް އަދި މެޓާ ފަދަ ކުންފުނިތަކުގެ ސަތޭކަޔަށްވުރެ ގިނަ މުވައްޒަފުން ވެސް މިފަދަ ގޮވާލުމެއް ގޮވާލާފައިވަނިކޮށެވެ. މީގެ ކުރިން 2018 ވަނަ އަހަރު ވެސް، މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ހުރެ، އެމެރިކާގެ އަސްކަރިއްޔާއަށް ޑްރޯން ޓެކްނޮލޮޖީ ތަރައްގީކޮށްދިނުމަށް އޮތް "ޕްރޮޖެކްޓް މޭވަން" އެއްބަސްވުން ގޫގުލްއިން ވަނީ ދޫކޮށްލާފަ އެވެ.

މުވައްޒަފުންގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި، އިމިގްރޭޝަން އަދި ސަލާމަތީ އިދާރާތަކަށް ޓެކްނޮލޮޖީ ފޯރުކޮށްދިނުން ހުއްޓާލުމާއި، މިކަމާ ގުޅޭގޮތުން ހުރިހާ މުވައްޒަފުންނާ އެކު ބައްދަލުވުމެއް ބޭއްވުން ހިމެނެ އެވެ. ނަމަވެސް، ގޫގުލްއިން ދާދިފަހުން ވަނީ އަސްކަރީ ކޮންޓްރެކްޓަރެއް ކަމަށްވާ "ލޮކްހީޑް މާޓިން" އާއެކު ވެސް ޕާޓްނަޝިޕެއް ހަދާފަ އެވެ.

މި ހުރިހާ ތުހުމަތުތަކާއި މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅިގެން ގޫގުލްގެ ތަރުޖަމާނަކު މިހާތަނަށް އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%