ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ގެންދަވަނިކޮށް ރިޔާސީ ބަޔާނަށް ހުރަސްއެޅުމުގެ އަމަލުތައް ހިންގުމުގެ ސަބަބުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
މެންބަރު މީކާއިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައިވަނީ ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ގެންދަވަނިކޮށް، ރިޔާސީ ބަޔާނަށް ހުރަސްއެޅުމުގެ ގޮތުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް، ރައީސްގެ އިސްތިއުފާއަށް ގޮވައި ހެދުމުގެ ސަބަބުންނެވެ. މަޖިލީހުގެ ތަޅުމުން މެންބަރު މީކާއިލް ބޭރުކޮށްލުމުގެ ކުރިން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، އެތަށް ފަހަރެއްގެ މަތިން އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
ނަމަވެސް ރިޔާސީ ބަޔާނަށް ހުރަސްއެޅުމުގެ އަމަލުތައް ހިންގުން ހުއްޓާނުލުމުގެ ސަބަބުން މެންބަރު މީކާއިލުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން އޭނާ ވަނީ ބޭރުކޮށްލައިފަ އެވެ.
މެންބަރު މީކާއިލުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވެސް ވަނީ ރިޔާސީ ބަޔާނަށް ހުރަސްއަޅައިފަ އެވެ.
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަމުންގެންދަވާއިރު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ގެންދަނީ ރިޔާސީ ބަޔާނަށް ހުރަސްއެޅުމުގެ ގޮތުން ކަށިގަނޑު ފުމެ، މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް، ރައީސްގެ އިސްތިއުފާއަށް ގޮވައި މަޖިލީހުގެ ހަމަޖެހުން ނަގާލުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.









