ކ. ހުރާގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި، ގެސްޓް ހައުސްތައް އިމާރާތް ކުރުމަށްޓަކައި 17 ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
މި ބިންތަކަކީ އެ ރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެކެވެ.
ހުރާ ކައުންސިލުން ބީލަމަށް ހުޅުވާލައި ކުރި އިއުލާނުގައި ބުނެފައިވަނީ، ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކުރާ މި 17 ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަކަށް ކަމަށެވެ. މިއީ އެ ރަށުގެ އިގްތިސާދު ކުރިއެރުވުމަށް ކައުންސިލުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ބިޑު ފޯމެއްގެ އަގަކީ 25,000 ރުފިޔާ އެވެ. ބިޑް ގަތުމަށް އެދޭ ފޯމުތައް ބަލައިގަތުމާއި ބިޑު ފޯމު ދޫކުރުން ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށް ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:15 ގައި ހުރާ ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.
ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުށަހަޅާއިރު، ބީލަން ހުށަހަޅާ ފޯމު ފުރިހަމަކޮށް، ބޭނުންވާ ހުރިހާ ލިޔެކިޔުންތަކަކާއެކު ހުށަހަޅަންވާނީ ކައުންސިލް އިދާރާއަށް ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
ހުރާއަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުންދާ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ. އަލަށް ދޫކުރާ މި ބިންތަކާއެކު ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.










