ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުސައިން އަފީފް، އަތަމާގެ / (50އ) ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތެކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކުޑަހުވަދޫ އެއާޕޯޓުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަފީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ތަހުގިގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.









