ޖަސްޓިސް ޑިޕާޓްމަންޓުން އެޕްސްޓައިން ފައިލްސްގެ އެތައް މިލިއަން ސަފްހާއެއްގެ ލިޔެކިޔުންތައް އާންމުކުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 4 ދުވަސް ކުރިން - 30 ޖެނުއަރީ 2026 22:55
ޖެފްރީ އެޕްސްޓައިން - އޭނާ މަރުވެފައިވަނީ ޖަލުގައި ހުއްޓާ ދަންޖެހިގެން---
ޖެފްރީ އެޕްސްޓައިން - އޭނާ މަރުވެފައިވަނީ ޖަލުގައި ހުއްޓާ ދަންޖެހިގެން---
ޚުލާސާ

މި ލިޔެކިޔުންތައް އާންމުކުރުމަށް ނިންމީ ކޯޓު އަމުރެއްގެ ދަށުން. މި ލިޔެކިޔުންތައް އާންމުވުމާއެކު، ދުނިޔޭގެ ނުފޫޒުގަދަ ބައެއް ފަރާތްތަކުގެ ނަންތައް މީގެ ތެރެއިން ހާމަވެގެންދާނެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން، ނުފޫޒުގަދަ މަހުޖަނު ޖެފްރީ އެޕްސްޓައިންގެ މައްސަލައާ ގުޅޭ ތަހުގީގީ ފައިލްތަކުގެ ތެރެއިން ތިން މިލިއަނަށްވުރެ ގިނަ ސަފްހާގެ ލިޔެކިޔުންތައް އާންމުކުރަން ފަށައިފި އެވެ. މި ލިޔެކިޔުންތަކަކީ އެޕްސްޓައިން ހިންގި ކަމަށް ބުނާ ޖިންސީ ކުށްތަކާއި، އޭނާއާ ގުޅުން އޮތް މީހުންގެ މައްޗަށް ކުރެވުނު ތަހުގީގުތަކާ ގުޅޭ ނުހަނު މުހިންމު މައުލޫމާތުތަކެއް ހިމެނޭ ފައިލްތަކެކެވެ.

މިދިޔަ އަންގާރަ ދުވަހު ޖަސްޓިސް ޑިޕާޓްމަންޓުން މި ލިޔެކިޔުންތައް އާންމުކުރަން ފަށާފައިވަނީ، އެޕްސްޓައިންގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދެފުށް ފެންނަ ގޮތަކަށް އާންމުންނަށް ހާމަކޮށްދިނުމުގެ މަގުސަދުގަ އެވެ. ޑެޕިއުޓީ އެޓަރނީ ޖެނެރަލް ޓޮޑް ބްލާންޗް ހާމަކުރެއްވި ގޮތުގައި، ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު ވަނީ އެޕްސްޓައިންގެ ފައިލްތައް މުރާޖައާކޮށް ނިންމާފަ އެވެ. މިގޮތުން އާންމުކުރި ތަކެތީގެ ތެރޭގައި 2,000 ވީޑިއޯ އާއި 180,000 ފޮޓޯ ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ބްލާންޗް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާންމުކުރި ފޮޓޯތަކާއި ވީޑިއޯތަކުގެ ތެރޭގައި ބަދުއަހުލާގީ މަންޒަރުތައް ހިމެނޭތީ، އެ ތަކެތި ބަލަން ބޭނުންވާ ފަރާތްތަކަކީ 18 އަހަރު ފުރިފައިވާ ބައެއްތޯ ޔަގީންކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި މީގެ ތެރޭގައި ހިމެނޭ ހުރިހާ ތަކެއްޗަކީ އެޕްސްޓައިން އަމިއްލައަށް ނަގާފައިވާ ތަކެތި ނޫން ކަމަށާއި، އޭނާގެ އަތުން ފެނުނު އެހެން ފަރާތްތަކުން އުފައްދާފައިވާ ބަދުއަހުލާގީ ތަކެތިވެސް މީގެ ތެރޭގައި ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ފައިލްތައް އާންމުކުރުމަށް ނިންމީ ކޯޓު އަމުރެއްގެ ދަށުންނެވެ. މީގެ ކުރިން ސިއްރުކޮށްފައިވާ މި ފައިލްތަކުގެ ތެރޭގައި ތަހުގީގީ ރިޕޯޓުތަކާއި، ހެކިބަސްތަކުގެ އިތުރުން އެޕްސްޓައިންގެ ޖިންސީ ގޯނާގެ ތުހުމަތުތަކާއި، އޭނާ ހިންގި އިންސާނީ ވަގުފާރީގެ މުއާމަލާތްތަކާ ގުޅޭ މުހިންމު ހެކިތައް ހިމެނެ އެވެ.

އެމެރިކާގެ ކޮންގްރެސްއިން ވަނީ 19 ޑިސެމްބަރު 2025 ގެ ކުރިން އެޕްސްޓައިންއާ ގުޅޭ ހުރިހާ ފައިލްތަކެއް އާންމުކޮށް ނިންމުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް މުހުލަތެއް ދީފަ އެވެ. މި މަހުގެ ކުރީކޮޅު އެ ޑިޕާޓްމަންޓުން ބުނެފައިވަނީ، އޭރު އާންމުކުރެވިފައިވަނީ މުޅި މައްސަލައިގެ އެންމެ އިންސައްތައަށްވުރެ ވެސް މަދު މިންވަރެއް ކަމަށެވެ.

ޖެފްރީ އެޕްސްޓައިން މަރުވެފައިވަނީ 2019 ވަނަ އަހަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިންސާނީ ވަގުފާރީގެ ގިނަ ދައުވާތަކެއް އުފުލި، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް ދަންޖެހިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިހާ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އާންމުވުމާއެކު، ދުނިޔޭގެ ނުފޫޒުގަދަ ބައެއް ފަރާތްތަކުގެ ނަންތައް މީގެ ތެރެއިން ހާމަވެގެންދާނެ ކަމަށް ބެލެވެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%