އިނގިރޭސީ ޕްރިމިއާ ލީގުގައި އެމިރޭޓްސް ދަނޑުގައި އާސެނަލް 2-3 ގެ ނަތީޖާއިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ނިދިން ހޭލައިފި އެވެ.
އާސެނަލުން ލީގު ނަގާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައިވާ މި ދަނޑިވަޅުގައި އާސެނަލްއާ ވާދަވެރި އެހެން ކުލަބުތަކުގެ ސަޕޯޓަރުން ދަނީ ވޯލްޑް ކަޕު ނެގުން ފަދަ އުފާވެރިކަމެއް އިހުސާސް ވަމުންދާކަމަށް ބުނެ އުފާވެރިކަން ފާޅުކުރަމުންނެވެ.
ދާދި ހަމަހަމަ ނަމަވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހއި ލީޑު ނެގީ އާސެނަލުންނެވެ. 29 ވަނަ މިނެޓުގައި އޮޑެގާޑު ގޯލަށް ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ޔުނައިޓެޑުގެ ޑިފެންޑަރު މާޓިނޭޒް ފައިގައި ޖެހި ބައިކޮޅަށެވެ. ނަމަވެސް އޭގެ އަށް މިނެޓު ފަހުން އާސެނަލްގެ ޑިފެންޑަރު ޒުބިމެންޑީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެމްބޫމޯ ވަނީ ޔުނައިޓެޑަށް މެޗު އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި ޑޯގޫ ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލުގެ މަތީ ދަޑީގައި ޖައްސައި ގޯލަށް ވައްދާލާ ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ލީޑު ހޯދައިދީފަ އެވެ.
އާސެނަލަށް ހިތްވަރެއް ލިބުނީ 84 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި މެރީނޯ ޖެހި ގޯލާ އެކު އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން މައިނޫ ތަނަވަސްކޮށްދިން ފުރުސަތަކުން އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލާ މެތިއުސަ ކުންހާ ވަނީ ޔުނައިޓެޑު މޮޅުކޮށްދީފަ އެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 38 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. އާސެނަލް އެއްވަނައިގައި 50 ޕޮއިންޓާއެކު އޮތް ނަމަވެސް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު މިވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ.
މިއީ 2023 ވަނަ އަހަރު މި ދެ ކުލަބު ކުޅުނު ރަހުމަތްތެރިކަމުގެ މެޗަށްފަހު އާސެނަލް އަތުން ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ޔުނައިޓެޑް މޮޅުވެފައެއް ނުވެ އެވެ.










