އިތާފުށީގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގަ 4،000 ޑޮލަރު

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 25 ޖެނުއަރީ 2026 12:35
ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް---
ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް---
ޚުލާސާ

އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 4،117 ޑޮލަރު ނުވަތަ 63,484 ރުފިޔާ ވަނީ ލިބިފައި.

މިދިޔަ ޑިސެންބަރު މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑު އާމްދަނީއެއް ލިބިގެންދިޔަ މަހަކަށް ވެފައިވާއިރު، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސްގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4،000 ޑޮލަރަށްވުރެ ގިނައިން ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް "ރިސޯޓު ވޯކާސް މޯލްޑިވްސް" އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޑިސެންބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ އިތާފުށިންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 4،117 ޑޮލަރު ނުވަތަ 63,484 ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މި ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓަކުން މުވައްޒަފުންނަށް ބެހި އެންމެ ބޮޑު ސާވިސް ޗާޖެވެ.

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓްތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް މަސައްކަތްތެރިންނަށް އެންމެ ބޮޑު ސާވިސް ޗާޖު ބަހާ ރިސޯޓްތަކެވެ. އާންމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހާއި ޖަނަވަރީ މަހަކީ ފަތުރުވެރިކަމުގެ "ޕީކް" ސީޒަނަށްވުމުން، މި ދެ މަހަކީ އެންމެ ބޮޑު ސާވިސް ޗާޖެއް ލިބޭ ދުވަސްވަރެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އިތާފުށީގެ އިތުރުން އިތުރު 8 ރިސޯޓަކުން ވަނީ 1,000 ޑޮލަރަށްވުރެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ވަން އެންޑް އޮންލީ ރީތިރަށް: 1,977 ޑޮލަރު (30,485 ރުފިޔާ)

އަނަންތަރަ ކިހަވަށް: 1,895 ޑޮލަރު (29,220 ރުފިޔާ)

ވެލާ ޕްރައިވެޓް އައިލެންޑް: 1,875 ޑޮލަރު (28,912 ރުފިޔާ)

ރިއު އެޓޯލް އެންޑް ޕްރައިވެޓް މޯލްޑިވްސް: 1,239 ޑޮލަރު (19,105 ރުފިޔާ)

ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް: 1,158 ޑޮލަރު (17,856 ރުފިޔާ)

ޑަބްލިއު މޯލްޑިވްސް: 1,135 ޑޮލަރު (17,501 ރުފިޔާ)

ސެންޓާރާ ގްރޭންޑް ލެގޫން: 1,111 ޑޮލަރު (17,131 ރުފިޔާ)

އަވާނީ އެންޑް ފާރޭޝް: 1,070 ޑޮލަރު (16,530 ރުފިޔާ)

މީގެ އިތުރުން، ސިނަމަން ދޮންވެލި، ސަންސިޔާމް އޮޅުވެލި އަދި ސެންޓާރާ މައިރޭޖް ފަދަ މަޝްހޫރު ގިނަ ރިސޯޓުތަކަކުން 500 ޑޮލަރާއި 1,000 ޑޮލަރާ ދެމެދުގެ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 އިންސައްތައަށްވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގައި، އެ ފައިސާ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންޖެހެ އެވެ. ސާވިސް ޗާޖު ދިނުމުގައި މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅުމަކީ މަނާކަމެއްކަމަށް މި ގާނުނުގައި ފާހަގަކޮށްފައިވެ އެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދެމުން އަންނަނީ ޑޮލަރުން ކަމަށްވީ ނަމަވެސް، ފަހަކަށް އައިސް ބައެއް ރިސޯޓުތަކުން ދިވެހި ރުފިޔާއިން ސާވިސް ޗާޖު ދެމުންދާކަންވެސް ފާހަގަކުރެވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%