ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ފުވައްމުލަކު ސިޓީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެ ސިޓީން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިއްކައި، އޭގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހު، އޮޕަރޭޝަން އަލިމަގުގެ ތެރެއިން ހިންގި މި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ތަކެތީގެ ބަރުދަނުގައި 112.9 ގުރާމު ހުރި ކަމަށާއި، އަދި 25،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ، އަބްދުﷲ ޝިފާއު، މިސްކިތްމަގު. ރޯޝަން / ޏ. ފުވައްމުލައް (26އ) 15 ދުވަހުގެ މުއްދަތަކަށް ބަންދުުކުރުމަށް އަމުރުކޮށްފަ އެވެ. އަނެއް މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





