މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު (36އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިދޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި، ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް އޭނާ ނަގާފައިވާ ކަމަށެވެ. އަދި 4،900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާކަންވެސް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަދީފް މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ. އަދި އޭނާއަށް ދީފައިވާ ފުރަތަމަ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






