ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ 94 އިންސައްތަ މަސައްކަތް ނިމިއްޖެ

އައިޝަތު ރުވާ ރިފްޢަތު | 1 ގަޑިއިރު ކުރިން - 15 ޖެނުއަރީ 2026 23:19
ހުޅުމާލޭ ފޭސް 3 ގައި ހިއްކާ ސަރަހައްދު/ ފޮޓޯ: އެމްއޭސީއެލް
ހުޅުމާލޭ ފޭސް 3 ގައި ހިއްކާ ސަރަހައްދު/ ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއުތަކަށް މި ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދެއްވާފައި.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫއުގެ 94 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 59 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ހިއްކާ ނިންމާފަ އެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި 22,000 ކިއުބިކް މީޓަރުގެ ދެ ޑްރެޖަރު ކަމަށްވާ "ޕްރިންސް ދަ ނެދަލޭންޑެން" އަދި "އޮރެންޖް" އަންނަނީ ބޭނުންކުރަމުންނެވެ.

މެދުކަނޑާލާފައި އޮތް މި މަޝްރޫއުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަހާ ހަމައަށް މަސައްކަތް ހުއްޓިފައި އޮތީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދިއުމާ ގުޅިގެންނެވެ. ނަމަވެސް މަޑުޖެހިފައި އޮތުމަށްފަހު މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށައި ހަލުވި ކަމާއެކު ދަނީ ކުރިއަށެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އިތުރުން ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމަކީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި މަސައްކަތް ނިމުމުން މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ގިނަ އާއިލާތަކަކަށް އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ދަނީ ހާމަކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%