ގަދަކަމުން ހަތިޔާރުތައް އަތުލަން މަސައްކަތް ކުރާ ނަމަ ލުބުނާނުގެ އެތެރޭގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް މުޖާހިދުންގެ ޖަމާއަތް ކަމަށްވާ ހިޒްބުالله އިން ލުބުނާނުގެ ސަރުކާރަށް އިންޒާރު ދީފިއެވެ.
އިގްތިސާދީ ގޮތުން މިހާރު ވެސް އަނދަވަޅަކަށް ވެއްޓި ސިޔާސީ ޕެރަލައިސިސްގެ ސަބަބުން މިހާރުވެސް ބަލިކަށިވެފައިވާ ލުބުނާނުގެ ސަރުކާރަށް ހިޒްބުالله އިން މި އިންޒާރު ދިނީ ލުބުނާނުގެ ބައެއް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން އެމެރިކާ އާއި އިސްރާއީލު ރުއްސުމަށް ހިޒްބުالله ހަތިޔާރުތައް އަތުލަން މަސައްކަތް ފަށާފައި ވާތީއެވެ.
ލުބުނާނު ސަރުކާރުން މަސައްކަތް ކުރަނީ އެ ޤައުމުގެ އަސްކަރިއްޔާ ފިޔަވައި އެހެން އެއްވެސް ބަޔެއްގެ އަތުގައި ހަތިޔާރުތައް ނުބެހެއްޓުމަށެވެ. މިއީ އެމެރިކާގެ ޕްރެޝަރަށް، އިސްރާއީލަށް ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ހިޒްބުالله އިން ބުނަނީ އިސްރާއީލާ އެކު މާޒީގައި ހިނގި ހަމަނުޖެހުންތަކާއި މިހާރު ހިނގަމުންދާ ސަރަހައްދީ ފިތުނަތަކަށް އިޝާރާތްކޮށް އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށާއި ލުބުނާން ހިމާޔަތް ކުރުމަށް އެގައުމުގެ ހަތިޔާރު ބޭނުންތެރި ކަމަށެވެ.
ލުބުނާނުގެ ތާރީޚުން މި ކަންބޮޑުވުންތަކަށް އިތުރު ބަރުދަނެއް ލިބެއެވެ. 1975 އިން 1990 އަށް އެގައުމުން ވަނީ މިކަން ތަހައްމަލުކޮށްފައެވެ.
ގިނަ ބަޔަކު އިހުތިރާމް ކުރާ ނަމަވެސް ފައިސާ މަދު ލުބުނާނުގެ ސިފައިންނަށް ވަނީ އެތެރޭގެ ހަމަޖެހުމާއި ބޭރުގެ ޕްރެޝަރުތައް ހަމަޔަކަށް އެޅުވުމަށް އުނދަގޫތަކެއް ކުރިމަތިވެފައެވެ. އެމެރިކާއިން އެދުނު އެދުމަކަށް ކުއްލިޔަކަށް ހިޒްބުالله ގެ ހަތިޔާރު އަތުލުމަށް ލުބުނާނު ސަރުކާރުން ފެށި މަސައްކަތަކީ އެ ޤައުމުގެ ކުރިމަގު ބަނަވެދާނެ ކަމެއް ކަމަށް ހުޅަނގުގެ ސިޔާސަތާއި ދެކޮޅު އެކްސްޕާޓުން ބުނެއެވެ.






