ލުބުނާނާއި އީރާނާ ދެމެދު އޮތް ޚާރިޖީ ގުޅުމުގެ ތެރެއިން "އައު ޞަފްޙާއެއް" ހުޅުވައި، ދެޤައުމުގެ ދެމެދުގައި އޮންނަންޖެހޭ ގުޅުންތައް ހަރުދަނާކުރުމަށް ބޭނުންވާކަމަށް ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިޤާތީ ހާމަކުރައްވައިފިއެވެ.
ބޮޑުވަޒީރު ނަޖީބް މިޤާތީ ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނާނެ މި އައު ގުޅުން ބިނާވެގެންދާނީ އެއް ބަޔަކު އަނެއް ބައެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމާއި، ދެފަރާތުގެ މެދުގައި އޮންނަ ސިޔާދަތީ އިޙްތިރާމްގެ މައްޗަށެވެ. މީގެ ކުރިން އީރާނުން ލުބުނާނުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާކަމަށް ބުނެ، ލުބުނާނުގެ ސިޔާސީ ބައެއް ވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޚާއްޞަކޮށް ލުބުނާނުގެ މައްސަލަތަކުގައި ބޭރުގެ އެއްވެސް ޤައުމަކުން "ބެލެނިވެރިކަން" ދައްކަން އުޅޭ އުޅުން ބަލައިނުގަނެވޭނެ ކަމަށް މީގެ ކުރިންވެސް ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.
މެދުއިރުމަތީގެ މަސްރަޙު މިހާރު ބަދަލުވަމުންދާ ގޮތުން، ލުބުނާނުގެ ދިފާޢީ ބާރުތައް ވަރުގަދަކޮށް، މުޅި ޤައުމުގެ ހަތިޔާރުގެ ކޮންޓްރޯލް ދައުލަތުގެ ސިފައިންގެ ދަށަށް ގެނައުމަކީ މިހާރު ލުބުނާނުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ. މި ބަދަލުތަކާއެކު، އީރާނުންވެސް މިހާރު ލުބުނާނުގައި އުފެދެމުންދާ އައު ޙަޤީޤަތްތަކާއި ބަދަލުވަމުންދާ ސިޔާސީ މަސްރަޙު ބަލައިގަތުމަށް ތައްޔާރަށް އޮތްކަމުގެ އިޝާރާތްތަކެއް ދީފައިވާކަމަށް ބައިނަލްއަޤްވާމީ ޚަބަރުތަކުން ރިޕޯޓްކުރެއެވެ. މިގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ އިސްވެރިންގެ މެދުގައި މިކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.



