ރަމަޟާން މަހަށް ތައްޔާރުވުމަށް މުޅިން އާ 15 މިސްކިތެއްގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

އައިޝަތު ރުވާ ރިފްޢަތު | 3 ދުވަސް ކުރިން - 11 ޖެނުއަރީ 2026 21:16
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެންމެ ފަހުން ހުޅުވި މިސްކިތް / ފޮޓޯ: ޚުލާސާ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެންމެ ފަހުން ހުޅުވި މިސްކިތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ހުޅުވާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ހދ. ދިއްދޫ، ށ. ފޯކައިދޫ، ނ. މަނަދޫ، ހުޅުމާލޭ ދެވަނަ ފިޔަވަހި އަދި އައްޑޫސިޓީ މަރަދޫގައި ބިނާކުރި މިސްކިތެއް.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އާ 15 މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އިސްލާމީ މިނިސްޓްރީން ހާމަކޮށްފި އެވެ.

މިނިސްޓްރީން ބުނީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 6 މިސްކިތެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ބާކީ ހުރި 9 މިސްކިތުގެ މަސައްކަތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މިހާތަނަށް މަސައްކަތް ނިމި ހުޅުވާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ހދ. ދިއްދޫ، ށ. ފޯކައިދޫ، ނ. މަނަދޫ، ހުޅުމާލޭ ދެވަނަ ފިޔަވަހި އަދި އައްޑޫ ސިޓީ މަރަދޫގައި ބިނާކުރި މިސްކިތެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އާ މިސްކިތްތައް ހުޅުވުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، މިސްކިތްތަކަކީ ދީނީ އިލްމު ފަތުރާ މަރުކަޒުތަކަކަށް ހެދުންކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ނަމާދަށް އަހުލުވެރިކުރުވުން ފަދަ ދީނީ މުހިއްމު ޝިއާރުތައް ދިރުވައި އާލާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މިސްކިތްތަކުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ބަޔަކަށް ޖަމާއުތުގައި ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓްރީން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%