ވެނެޒުއެލާއަށް ފަހު ދެން ޓްރަމްޕްގެ އަމާޒަކަށް ވާނީ ކޮން ގައުމެއް؟

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 3 ދުވަސް ކުރިން - 11 ޖެނުއަރީ 2026 09:36
ވެނެޒުއޭލާ އަށް ފަހު ޓްރަމްޕްގެ ވިސްނުން ހުރީ ގްރީންލޭންޑަށް އަރައި އެގައުމުގައި އަތްގަދަކުރަން---
ވެނެޒުއޭލާ އަށް ފަހު ޓްރަމްޕްގެ ވިސްނުން ހުރީ ގްރީންލޭންޑަށް އަރައި އެގައުމުގައި އަތްގަދަކުރަން---
ޚުލާސާ

އީރާން، ގްރީންލޭންޑް އަދި ކޮލަމްބިއާއާއި ކިއުބާއަށް ވެސް ނުރައްކާ

އެމެރިކާއިން ވެނެޒުއޭލާއަށް އުދުވާނީ ކުއްލި ހަމަލާއެއްދީ އެ ގައުމުގެ ރައީސާއި މަހާރެހެންދި ހިފައި ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިއުމުން މިހާރު އުފެދިފައިވާ ސުވާލަކީ އެމެރިކާއިން ދެން ހަމަލާ ދޭނީ ކޮން ގައުމަކަށް ބާވަ އެވެ! 

އީރާން، ގްރީންލޭންޑް އަދި ކިއުބާއާއި ކޮލަމްބިއާ އާއި މެކްސިކޯ އަކީ ވެސް ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ގައުމުތައް ކަމަށް ބެލެވެ އެވެ.

ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާގެ ހާރިޖީ ސިޔާސަތަށް އޭނާ ގެންނަވަން އުއްމީދު ކުރެއްވި ހަރުކަށި ބަދަލުތައް ހާމަވަމުންދާއިރު، މިހާރު ފެންނަނީ ޓްރަމްޕްގެ ކުރީގެ އިންޒާރުތަކަށް ތަބާވަމުންދާތަނެވެ.

ވެނެޒުއެލާގެ ރައީސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަރަށް ރައްކާތެރި ކިއްލާއެއް ފަދަ ގަނޑުވަރެއްގައި އުޅުއްވަނިކޮށް ހަމަލާދީ، ވަރަށް އަނިޔާވެރި ގޮތަކަށް ހައްޔަރުކުރުމަކީ ރައީސް ޓްރަމްޕްގެ އުދުވާނީ ޝައުގުވެރިކަން ދުނިޔެއަށް ހާމަވެގެން ދިޔަ ނުރައްކާތެރި ހާދިސާއެކެވެ.

ރައީސް ޓްރަމްޕް މިހާރު އިޝާރާތް ކުރައްވަމުން ގެންދަވަނީ ވެނެޒުއެލާއާ ހަމައިން މައްސަލަ ނުހުއްޓޭނެ ކަމަށެވެ. ކިއުބާ އާއި މެކްސިކޯއާއާއި ކޮލަމްބިއާއި އީރާނާ ގުޅޭ ގޮތުން ވެސް ނުރައްކާތެރި ހިޔާލުތައް ފާޅުކުރައްވަމުން ގެންދަވާއިރު، މިހާރު އަމިއްލަ ނަފްސާމެދު ވެސް ކަންބޮޑުވާން ޖެހޭ ކަމަށް ވިދާޅުވެ ކޮލަމްބިއާގެ ރައީސަށް ވެސް އިންޒާރު ދީފައިވެ އެވެ.

ރައީސް ޓްރަމްޕުގެ އަމުރަށް މަޑޫރޯއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއަށްފަހު، މިހާރު އުފެދިފައިވާ ބޮޑު ސުވާލަކީ އެމެރިކާ ދެން އަރައިގަންނާނީ ކޮން ގައުމަކަށް ހެއްޔެވެ؟

ރައީސް ޓްރަމްޕް އިންޒާރު ދީފައިވަނީ ކޮން ގައުމުތަކަކަށްތޯ ބަލާލަމާ ހިނގާށެވެ.

އެމެރިކާގެ ޕެސިފިކް ސްޕޭސް ބޭސް ގްރީންލޭންޑްގައި މިހާރުވެސް އަސްކަރީ މަރުކަޒެއް އޮވެ އެވެ. އެކަމަކު ޓްރަމްޕް މިހާރު ބޭނުންވަނީ މުޅި ޖަޒީރާގެ ކޮންޓްރޯލް ހޯއްދެވުމަށެވެ.

"ގައުމީ ސަލާމަތުގެ ނަޒަރަކުން ގްރީންލޭންޑް ބޭނުން ވަނީ މުޅި ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ ބޯޓުތަކުން ފުރިފައިވާތީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނެފައިވެ އެވެ.

އާކްޓިކް ކަނޑުގެ ފުޅާ ސަރަހައްދުގައި ފެތުރިފައިވާ ގްރީންލޭންޑަކީ ޑެންމާކް ރަސްކަމުގެ ކޮންޓްރޯލް އޮންނަ ތަނެކެވެ. އެމެރިކާގެ އުތުރުން ގާތްގަނޑަކަށް 2،000 މޭލު ދުރުގައި އޮންނަ ތަނެކެވެ.

ގްރީންލޭންޑް ސަރަހައްދަކީ ސްމާޓްފޯނާއި އިލެކްޓްރިކް ވެހިކަލް އަދި އަސްކަރީ ހާޑްވެއާ އުފެއްދުމަށް ވަރަށް މުހިންމު އަދި މަދުން ނޫނީ ނުފެންނަ ގުދުރަތީ މައުދަންތަކުން މުއްސަނދިކަން ލިބިފައިވާ ސަރަހައްދެކެވެ. ޗައިނާއިން އުފައްދާ މަދުން ނޫނީ ނުފެންނަ ބިމުގެ އުފެއްދުން މިވަގުތު އެމެރިކާއަށް ވުރެ މާ ގިނަ އެވެ.

ގްރީންލޭންޑަކީ ސްޓްރެޓެޖިކް ގޮތެއްގައި އުތުރު އެޓްލާންޓިކް ކަނޑުގައި އޮންނަ ތަނެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އައިސް ހަލުވިކަމާއެކު ގިރަމުންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އައު ޝިޕިން ލޭންތައް ހުޅުވޭނެ ކަމަށް ބެލެވެއެވެ.

ގްރީންލޭންޑްގެ ބޮޑުވަޒީރު ޖެންސް ފްރެޑްރިކް ނީލްސަން ވަނީ ޓްރަމްޕަށް ރައްދު ދެއްވައި، ގްރީންލޭންޑް ކޮންޓްރޯލް ކުރުމުގެ ހިޔާލަކީ ނުރައްކާތެރި ސްޓްރޯކެއް ޖެހުން ފަދަ ކަމެއްކަމަށް ވިދާޅުވެފަ އެވެ.

"އެއްވެސް ކަހަލަ ޕްރެޝަރެއްގެ ސުވާލެއް ނެތް. އަޅުގަނޑުމެންގެ ދޮރުތައް ހުޅުވާފައި އެބަހުރި މަޝްވަރާތަކަށް،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އެކަން ކުރަން ޖެހޭނީ އެކަށީގެންވާ ޗެނަލްތަކެއް މެދުވެރިކޮށް އަދި ބައިނަލްއަގްވާމީ ގާނޫނަށް އިހުތިރާމްކޮށްގެން،"

"ހިތާމައަކީ ގްރީންލޭންޑް ހޯދުމުގެ ވާހަކަ ދައްކަވާއިރު އެމެރިކާގެ ރައީސް ސީރިއަސްކޮށް އެކަން ނަންގަވަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ސްޓޭޓް ބްރޯޑްކާސްޓާ ޑީއާރުއާ ވާހަކަފުޅުދައްކަވަމުން ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ޑެންމާކާއި ގްރީންލޭންޑުން އެއްވެސް ހާލެއްގައި އެމެރިކާގެ ބައެއްގެ ގޮތުގައި ތިބެން ބޭނުން ނުވާކަން އެތައް ފަހަރަކު އެމެރިކާއަށް ސާފުކޮށްދީފައިވާ ކަމަށެވެ.

ވެނެޒުއެލާގައި އަސްކަރީ ފިޔަވަޅު އެޅުމުގެ ތެރެއިން ޗައިނާ އާއި ރަޝިޔާ ހިމެނޭ ގޮތަށް "ހުދުމުހުތާރު ވެރިކަން ތަކަށް" އާ މަގެއް ރައީސް ޓްރަމްޕް ދައްކައިފި އެވެ. އަދި އެމަގުން ކުރިއަށްދާނެކަމުގެ ބިރުވެރި އިންޒާރު ޓްރަމް ގެންދަވަނީ ދެއްވަމުންނެވެ.

ވެނެޒުއެލާގައި އެމެރިކާއިން ހިންގި ޖަރީމާއަށް ގަޑިއެއް ހާއިރު ވީ ފަހުން ޓްރަމްޕް ވަނީ ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯއަށް "ތިމާގެ ގޮނޑިއަށް ފާރަވެރިވުމަށް" އިންޒާރު ދީފަ އެވެ.

ވެނެޒުއެލާއާ އަވަށްޓެރި ކޮލަމްބިއާ އަކީ ވެސް ތެލާއި ރަނާއި ރިއްސާއި ޕްލެޓިނަމް ފަދަ ތަކެތީގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. އަދި އެ ސަރަހައްދަކީ މަސްތުވާތަކެތީގެ ވިޔަފާރި، ހާއްސަކޮށް ކޮކެއިންގެ ވިޔަފާރި ބޮޑު ހަބެއް ކަމަށް އެމެރިކާއިން ތަކުރާރުކޮށް ބުނަމުން ގެންދެ އެވެ.

އެމެރިކާއިން ވަނީ ކެރިބިއަން އަދި އިރުމަތީ ޕެސިފިކް ސަރަހައްދުގެ ބޯޓުތަކަށް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސިލްސިލާ ހަމަލާތައް ދޭން ފަށާފަ އެވެ. އެމެރިކާގެ އޮފިޝަލުން ބުނީ، ޝައްކެއް ނެތި، އެ ބޯޓުތަކުން ގެންދަނީ މަސްތުވާތަކެތި ކަމަށެވެ. ޓްރަމްޕަކީ ރައީސް ގުސްޓާވޯ ޕެޓްރޯއާ ވެސް ވަރަށް ބޮޑަށް ދެކޮޅު ބޭފުޅަކަށް ވުމުން އެ ގައުމަށް ވަނީ ބިރުވެރިކަމުގެ ވިލާތައް ބޯމަތިވެފަ އެވެ.

އެމެރިކާއިން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކޮލަމްބިއާގައި ފުޅާކުރަމުންދާ ކަމަށް ބުނެ ގުސްޓާވޯ ޕެޓްރޯއަށް ދަތިކުރުމުގެ ފިޔަވަޅުތައް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އަޅާފަ އެވެ.

ހުކުރު ދުވަހު އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ބުނީ ކޮލަމްބިއާ ހިންގަނީ "ކޮކެއިން އުފައްދާ އަދި އެމެރިކާއަށް އެތެރެކުރަން ލޯބިކުރާ ބަލި މީހަކު" ކަމަށެވެ. މާގިނަ ދުވަހަކު އޭނާއަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕުގެ ވާހަކައިން ދޭހަ ވަނީ ވެނެޒުއުލާގައި ހިންގި ފަދަ ބޮޑު ޖަރީމާއެއް ކޮލަމްބިއާގައި ވެސް އެމެރިކާއިން ހިންގަފާނެ ކަމެވެ.

ދެން އޮތީ އިރާނެވެ. އިރާނަށް އިންގިލާބެއް ގެނެސް އެމެރިކާގެ އެކުވެރި ރަސްކަން ވައްޓާލިފަހުން އިރާނަކީ އެމެރިކާގެ އެންމެ ބޮޑު ހަތުރެވެ. އެކަމަކު މި ވަގުތު އިރާނާ ފާޅުގައި ބެހެން ފަށައިފިނަމަ އެ ސަރަހައްދުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ބޮޑު ނުރައްކަލެއް އިރާނުން ކުރިމަތިކޮށްފާނެކަމުގެ ބިރު ބޮޑެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%