އިލްމުވެރިންނަކީ މުރުތައްދުވެފައި ތިބި ބައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ބުނުމުން އޭނާގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހާގައި ބޭއްވި ބައްދަލުވުމެއްގައި އިލްމުވެރިންނަށް ނިސްބަތްކޮށްގެން ރީކޯ މޫސާ ދެއްކި ވާހަކަތައް ކުށްވެރިކޮށް އިލްމުވެރިންގެ ގުޅުމުން ވަނީ ބަޔާނެއް ނެރެފަ އެވެ. އިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނުގައި ބުނީ، އިލްމުވެރިންނަށް ނިސްބަތްކޮށްގެން އޭނާ ދެއްކި ވާހަކަތަކަކީ ވަރަށް ނުރައްކާތެރި އަދި ހައްސާސީ މައްސަލައެއް ކަމުގައި ދެކޭ ކަމަށެވެ.
ރީކޯ މޫސާ ދައްކާފައިވާ ވާހަކައަކީ އޭގެ ސަބަބުން ރާއްޖޭގައި އިސްލާމްދީނާއި ދިވެހިންގެ ދީނީ ވަހުދަތު ނެގެހެއްޓުމަށްޓަކައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ދީނީ އިލްމުވެރިންނާ މެދު ނަފްރަތު އުފެއްދުމަށްޓަކައި ކޮށްފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ނުރައްކާތެރި، ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމުގައި ދެކޭ ކަމަށް އިލްމު ވެރިންގެ ގުޅުމުން ވަނީ ބުނެފަ އެވެ.
އިލްމުވެރިންގެ ގުޅުމުން ބުނީ، ރީކޯ މޫސާގެ ވާހަކަތަކުގެ ސަބަބުން ޑރ. އަފްރާޝީމް އަލީ އެކޭ އެއްފަދައިން މިހާރު ރާއްޖޭގައި ތިއްބެވި ދަންނަ ބޭކަލުންގެ ފުރާނަވެސް ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އިލްމުވެރީންގެ ގުޅުމުން ބުނީ މިފަދަ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ހަރުކަށި ފިކުރު ފެތުރުމާއި މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ތަކްފީރުކުރުމުގެ ފިކުރު ފެތުރުމުގެ ކުށަކަށް ރީކޯ މޫސާ އަރައިގެންފައިވާ ކަމަށް ދެކޭ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަަން ގެއްލޭ ފަދަ އަދި މީސްތަކުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކަވައިފައިވާ ކަމަށް އިލްމުވެރިންގެ ގުޅުމުން ވަނީ ބުނެފަ އެވެ.
އެހެންކަމުން އެ ނުކުތާތަކަށް ރިއާޔަތްކުރުމަށްފަހު ރީކޯ މޫސާ އާއި އޭނާ ދެއްކި ވާހަކަތައް ލައިވްކުރި ފަރާތްތަކާ މެދު ތަހުގީގު ހިންގައި އޭނާއާ އޭނާ ދެއްކި ވާހަކަތައް ލައިވްކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދި އިލްމުވެރިންގެ ގުޅުމުން ވަނީ ޕޮލިހުގައި ވަނީ މައްސަލަ ޖައްސައިފަ އެވެ.






