މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 2.2 މިލިއަނުން މައްޗަށް ގޮސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2,213,795 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ނިމިދިޔަ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 2,014,577 ފަތުރުވެރިންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން، ޗައިނާއިން މިހާތަނަށް ޖުމްލަ 328,503 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ރަޝިއާއިން 272,852 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން 199,570 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.
ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމުތައް:
- ޖަރުމަންވިލާތް: 166,079 ފަތުރުވެރިން
- އިޓަލީ ވިލާތް: 147,529 ފަތުރުވެރިން
- އިންޑިއާ: 130,585 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 6،132 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިންނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރަށް ކަނޑައެޅުނު ބަޖެޓުގައި ހިމަނާފައިވަނީ އަހަރު ނިމުމުގެ ކުރިން 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.






