ކުޑަކުދިން ކުޅެން ގެންގުޅޭ ބެއާއެއްގެ ތެރޭގައި ފޮރުވައިގެން ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ތ. ހިރިލަންދޫ، ދިލާސާގެ / މުހައްމަދު ނަވާޒު 25، ކަމަށެވެ. އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫ ބަނދަރު މަތިން ކަމަށް ފުލުހުން ބުންޏެވެެ.
މިމައްސަލައާ ގުޅިގެން އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވުނު ކަމަށާއި އެ ބެއާގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރިއުރު މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު ނަވާޒް އަކީ ފުލުހެކެވެ. އޭނާ މަސައްކަތް ކުރަމުން އައީ ވަންދޫ ޕޮލިސް ޕޯސްޓުގައެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައި ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.









