ސައުދީ އަރަބިއްޔާގައި ގުޅިގެން ރޭވިގެން ސަލާން ޖެހުމުގެ ވިޔަފާރު ކުރަމުން ދިޔަ ޕާކިސްތާނުގެ 24000 މީހުން މި އަހަރު ޑީޕޯޓް ކޮށްލައިފި ކަމަށް ސައޫދީން ބުނެފިއެވެ.
ސައޫދީގައި ބިދޭސީން ސަލާން ޖެހުމަކީ ވަރަށް ފުޅާ ކޮށް ކުރަމުންދާ ވިޔަފާރިއެކެވެ. ސަލާން ޖެހުމާއި ޖިނާޢީ ކުށްތައް އިތުރުވަމުންދާތީވެ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ ޕާކިސްތާނުގެ ގިނަ ބަޔަކަށް ވިސާ ދިނުމުގައި ހުރަސް ވެސް އަޅާފައެވެ.
ސައޫދީގައި ސަލާން ޖަހައިގެން ފައިސާ ހޯދައިގެން ޕާކިސްތާނުގެ ވަރަށް ގިނަ މީހުން ވަނީ އެމީހުންގެ ގެތައް އެންމެ ޒަމާނީ ފެންވަރަށް ހަދައި ދަރީންނަށް ޔޫރަޕުގެ ޔުނިވާސިޓީތަކުން ކިޔަވައިދީވެސް ހަދާފައެވެ.

ސައޫދީގެ ފިހާރައެއްގެ ކައިރީގައި މޫނު ނިވާކޮށްގެން ސަލާން ޖެހުމުގައި އުޅޭ މީހެއްގެ އަތަށް ފިހާރައިން ވިޔަފާރިކޮށްގެން ނުކުތް މީހަކު ފައިސާ ދެނީ - ސައޫދީގައި ސަލާންޖެހުމަކީ ޤާނޫނީ ކުށެއް.
ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރޭވިގެން ހިންގާ ސަލާން ޖެހުމުގެ ވިޔަފާރި ކުރުމަށްޓަކައި އެ ޤައުމުގެ ޤާނޫނާއި ޚިލާފަށް އެތައް ހާސް ބަޔަކު ހިޖުރަ ކޮށްފައިވާކަން އެނގެއެވެ. މި އަހަރު އެކަނިވެސް ޕާކިސްތާނުގެ އެއާޕޯޓްތަކުން އެ ޤައުމުގެ 66،154 މީހުންނަށް ފުރިޔަ ނުދީ ހިފެހެއްޓިއެވެ.
އެފްއައިއޭއިން ބުނީ ސަލާން ޖެހުމުގެ ނެޓްވޯކްތަކުގެ ސަބަބުން އެ ޤައުމުގެ އަބުރަށް ގެއްލުން ލިބެމުންދާ ކަމަށާއި އެފްރިކާ އާއި ޔޫރަޕްގެ އިތުރުން ކެމްބޯޑިއާ އަދި ތައިލެންޑް ފަދަ ޤައުމުތަކުގައި ވެސް އެ ޤައުމުގެ ރައްޔިތުން ސަލާން ޖެހުމުގައްޔާއި ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ ކަމަށެވެ.
މި އަހަރު ދުބާއީން ވެސް ވަނީ ޕާކިސްތާނުގެ ގާތްގަނޑަކަށް 6،000 މީހުން ޑީޕޯޓް ކޮށްފައެވެ. އަޒަރުބައިޖާނުން ވެސް ޕާކިސްތާނުގެ 2،500 މީހުން ޑީޕޯޓްކޮށްފައި ވެއެވެ.
މި ވިޔަފާރީގައި އުޅޭ ޕާކިސްތާނުގެ ގިނަ މީހުން ސައޫދީ އަށް ދަނީ ޢުމްރާގެ އަޅުކަމަށް ކަމަށް ބުނެއެވެ. އެއަށްފަހު އުޅެނީ ސަލާން ޖެހުމުގައެވެ.
މި މައްސަލަ ބޮޑުވެގެން ސައުދީ ކަމާބެހޭ ފަރާތްތަކުން ވަނީ ޕާކިސްތާނުގެ ސަމާލުކަން މިދިޔަ އަހަރު މިކަން ގެނެސްފައެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ރިލިޖިއަސް އެފެއާޒުން މިހާރު ވަނީ މިފަދަ ކަންކަން ޕާކިސްތާނަށް ނުހުއްޓުވިއްޖެ ނަމަ އެ ޤައުމުން ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދާ މީހުންނަށް ވިސާ ދިނުމުގައި އިތުރު ހުރަސްތައް ކުރިމަތި ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
ހުޅަނގު އޭޝިއާގެ ޤައުމުތަކުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ސަލާންޖަހާ މީހުންގެ ގާތްގަނޑަކަށް 80 ޕަސަންޓާއި 90 ޕަސަންޓު މީހުންނަކީ ޕާކިސްތާނުގެ ރައްޔިތުންނެވެ.






