ވީއައިއޭ ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްގެ ހިދުމަތް ދޭން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ގަޑިއިރު ކުރިން - 11 ޑިސެންބަރު 2025 13:00
ޓާމިނަލް އެކަކަށް ކައިރި ކުރި ޗައިނާ އީސްޓާން އެއާލައިންސްގެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ތެރެއިން--- ފޮޓޯ: އެމްއޭސީއެލް
ޓާމިނަލް އެކަކަށް ކައިރި ކުރި ޗައިނާ އީސްޓާން އެއާލައިންސްގެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ތެރެއިން--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ޗައިނާ އީސްޓާން އެއާލައިންސް އަކީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރު ވަނަ އެއާލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް އެކަކުން ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން، ޗައިނާ އީސްޓާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް އެކަކުން ޗައިނާ އީސްޓާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓާން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ފަޔާޒުއާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޓާމިނަލް އެކަކުން ޗައިނާ އީސްޓާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އިއްޔެ ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި އެ އެއާލައިންގެ ފުރުތަމަ ފްލައިޓް، MU235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޗައިނާގެ ސަރުކާރުން ހިންގާ ޗައިނާ އީސްޓާން އެއާލައިންސް އަކީ އެ ގައުމުގެ އެންމެ ބޮޑު ތިން އެއާލައިންގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މިއީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރު ވަނަ އެއާލައިނެވެ.

ޗައިނާ އީސްޓާން އެއާލައިންސް އާއެކު ޓާމިނަލް އެކަކުން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 30 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%