އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ މެދުތެރޭގައި އޮންނަ ކެމަޔޯރަން ޑިސްޓްރިކްޓްގައި ހުންނަ ހަތް ބުރީގެ ޑްރޯން އޮފީސް ޢިމާރާތެއްގައި އަލިފާން ރޯވެ މަރުވި މީހުންގެ ޢަދަދު 22 އަށް އަރައިފިއެވެ.
އެ ޢިމާރާތަކީ ޑްރޯން ޚިދުމަތް ދިނުމާއި ޓެސްޓު ކުރުމުގެ ކަންކަން ހިންގާ ބޮޑު ބޭސް އެކެވެ. އެއީ އިންޑޮނޭޝިއާގެ އަމިއްލަ ކުންފުންޏެކެވެ.

އިންޑޮނޭޝިއާގެ ޓެރާ ޑްރޯން ކުންފުނިން ޑްރޯނެއް ޓެސްޓް ކުރަނީ
ޓެރާ ޑްރޯން އޮފީސް ޢިމާރާތުގައި ފުރަތަމަ ރޯވީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައެވެ. ތަޙްޤީޤު ޓީމުތަކާއި ޙަވާލާދީ ބައެއް ޚަބަރުތައް ބުނާ ގޮތުގައި އަލިފާން ރޯވާން ދިމާވީ ޑްރޯން އާއި ގުޅުން ހުރި ލިތިއަމް ބެޓެރީތަކެއްގައި ގޮވައިގެން ކަމަށް ބެލެވޭ ކަމަށެވެ
އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ.






