އަންނަ އަހަރު އުތުުރު އެމެރިކާގެ 3 ގައުމެެއްގައި ބާއްވަން ހަމަޖެހިފައިވާ "ވޯލްޑްކަޕް 2026" ގެ ގުރު ނަގައިފި އެވެ.
ވޯލްޑް ކަޕް 2026 ވަނަ އަހަރުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮތީ ރޭ އެމެރިކާގެ ވޮޝިންޓަންގައެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ 48 ގައުމެއް ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. 39 ދުވަހަށް ދެމިގެންދާ ވޯލްޑް ކަޕްގައި 104 މެޗެއް ކުޅެވިގެންދާނެއެވެ. މި މެޗުތައް 16 ސިޓީއެއްގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގުރު ނެގުމަށް އެމެރިކާގެ ވޮޝިންޓަންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންފައިވާއިރު، އެމެރިކާ އާއި އެކު ދެން ވޯލްޑް ކަޕް ބާއްވާ މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމްގެ އިތުރުން ކެނެޑާގެ ބޮޑު ވަޒީރު މާކް ކޭނޭވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ވޯލްޑްކަޕް 2026ގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އޭއެފްޕީ
ވޯލްޑް ކަޕް 2026ގެ ގްރޫޕްތައް ބެހިފައިވާ ގޮތަކީ:
ގްރޫޕް އޭ: މެކްސިކޯ، ސައުތު އެފްރިކާ، ދެކުނު ކޮރެއާ، ޔުއޭފާ ޕްލޭއޯފް ޑީގެ ޗެމްޕިއަން
ގްރޫޕް ބީ: ކެނެޑާ، ޔުއޭފާ ޕްލޭއޯފް ބޭގެ ޗެމްޕިއަން، ގަތަރު، ސްވިޒަލޭންޑް
ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ، ހައިޓީ، ސްކޮޓްލޭންޑް
ގްރޫޕް ޑީ: އެމެރިކާ، ޕެރަގުއޭ، އޮސްޓްރޭލިއާ، ޔުއޭފާ ފްލޭއޯފް ސީގެ ޗެމްޕިއަން
ގްރޫޕް އީ: ޖަރުމަނު، ކުރަކާއޯ، އައިވަރީކޯސްޓް، އިކުއެޑޯ
ގްރޫޕް އެފް: ނެދަލޭންޑްސް، ޖަޕާން، ޔުއޭފާ ފްލޭއޯފް ބީގެ ޗެމްޕިއަން އަދި ޓިއުނީޝިއާ
ގްރޫޕް ޖީ: ބެލްޖިއަމް، މިސުރު، އިރާން، ނިއުޒީލޭންޑް
ގްރޫޕް އެޗް: ސްޕޭން، ކޭޕްވާޑޭ، ސައޫދީ އަރަބިއާ، އުރުގުއޭ
ގްރޫޕް އައި: ފްރާންސް، ސެނަގާލް، ފީފާ ޕްލޭއޯފް 2 ގެ ޗެމްޕިއަން، ނޯވޭ
ގްރޫޕް ޖޭ: އާޖެންޓީނާ، އަލްޖީރިއާ، އޮސްޓްރިއާ، ޖޯޑަން
ގްރޫޕް ކޭ: ޕޯޗުގަލް، ފީފާ ޕްލޭއޯފް 1 ގެ ޗެމްޕިއަން، އުޒުބަކިސްތާން، ކޮލަމްބިއާ
ގްރޫޕް އެލް: އިންގްލޭންޑް، ކްރޮއޭޝިޔާ، ގާނާ އަދި ޕެނަމާ
ވޯލްޑް ކަޕްގެ ގުރުއަތު ނެގުމަށް ބޭއްވި މި ރަސްމިއްޔާތުގައި ފީފާ އިން ފުރަތަމަ ފަހަރަށް ހޮވި ޕީސް ޕްރައިޒް އެވޯޑް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވަނީ އަރުވާފައެވެ. މީ ސުލްހައަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ފެށި އެވޯޑެކެވެ.





