ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަން ފުލުހުން ހިންގީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ބިދޭސީ އަންހެނުން ގެނެސް ފައިސާއަށް ހަށިވިއްކުވައި ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި 21:49 ހާއިރު އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނުންނެވެ. އެއީ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ.

ކޯޓު އަމުރެއްގެ ދަށުން މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް-2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުންނެވެ. ފުލުހުން ބުނީ ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ އަކީ މިކަމުގައި އިސްކޮށް އުޅުނު ދެމީހުން ކަމަށެވެ.

މި މީހުން ހައްޔަރު ކުރެވުނު އިރު ތިބި އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި 19،100 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 18،000 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސޮލާހާއި ޒަރީމާ ގުލަމޮވެނާ އަށް ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. ދެން ތިބި ތިން މީހުންނަށް ޖެހީ ފަސް ދުުވަހުގެ މުއްދަތެކެވެ.