ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފެއްދުމަށް އދ. އިން ފާސް ކޮށްފި ނަމަ ރައީސް މަހްމޫދު ޢައްބާސް އާއި، ފަލަސްޠީނުގެ ސަރުކާރު (ޕީއޭ)ގެ އިސް ވެރިން މަރާލާނެ ކަމަށް ބުނެ އިސްރާއީލުގެ ޤައުމީ ސަލާމަތާއި ބެހޭ މިނިސްޓަރު ބެން ގްވީރު އިންޒާރު ދީފިއެވެ.
ބެން ގްވިރް ބުނީ ޕީއޭ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި ޢައްބާސް އާއި އޭނާގެ މިނިސްޓަރުންގެ “ވަސް” ފިލުވާލުމަށްފަހު ދެން ތިބި ސިޔާސީ މީހުން ހިފައި ހައްޔަރުކޮށް ގެންގޮސް ލާނީ އިސްރާއީލުގެ ހައި ސެކިއުރިޓީ ޖަލަށެވެ. އެއީ ނިޓްޒާން ޕްރިޒަން އެވެ.
ބެންގްރީވްގެ ޕްލޭންގައި ޕީއޭގެ އިސް ގިނަ ފަރާތްތަކެއް ހައްޔަރުކުރުމަށް ރާވާފައި ވެއެވެ. އަދި އިސްރާއީލާ ދެކޮޅަށް ޕީއޭގެ އެއްވެސް މީހަކު ބަހެއް ބުނާ ނަމަ އެ ބަޔަކު ވެސް ހައްޔަރު ކުރާނެ ކަމަށް ހައްދުފަހަނަ އެޅި ދައުލަތުގެ ވަޒީރު އިންޒާރު ދިނެވެ.
ޔަހޫދީން 2023 ގައި ޣައްޒާ އަށް އެރުމުގެ ކުރިން ޕީއޭ ސަރުކާރާއި ޓެލްއަވީވް ކޯޑިނޭޓް ކުރެއެވެ. ނަމަވެސް ޢައްބާސް ދެކެ ޔަހޫދީ ސަރުކާރުން ރުޅި އައީ، ޣައްޒާގައި އިސްރާއީލުން ހިންގަނީ ޤަތުލުޢާންމެއް ކަމަށް ބުނުމުންނެވެ.






