އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް ކުންފުނީގެ ނަން 'އެސްއެމްއީ ޑިޖިޓަލް' އަށް ބަދަލުކޮށްފިއެވެ. އެސްޑީއެފްސީ މިހާރު ހިނގަމުން ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ދަށުންނެވެ.
އެސްޑީއެފްސީގެ ނަން ބަދަލުކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ކުންފުނީގެ ހިއްސާދާރުންގެ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އޭގެ ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ހޯދުމަށްފަހު، އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި 'އެސްއެމްއީ ޑިޖިޓަލް' ގޮތުގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނިގޮތުގައި އެ ކުންފުނި ވެގެންދާނީ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށެވެ. އަދި ކުންފުނީގެ ނަމަށް އައި ބަދަލާއެކު ކުންފުނީގެ ހިދުމަތްތައް ދެން ބައްޓަންވެގެންދާނީ، މިހާރެކޭ އެއްގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް ބެލެހެއްޓުމަށާއި، ވިޔަފާރީގެ ހިންގުންތެރިކަން މަތިކުރުމަށާއި، މާކެޓަށް ނިކުތުމަށް މަގުފަހި ކުރުމަށެވެ. އަދި މިބަދަލާއެކު ވިޔަފަރީގެ އެކި މަރުހަލާއަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް އެކުންފުނި ވެގެންދާނެ އެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ދާދި ފަހުން ބަދަލުވުމަށްފަހު، ބީއެމްއެލް އާއިއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕާއި އޭޕީއައި އިން ގުޅުވާލައި ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެގޮތްވެސް މިހާރު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.
ކުންފުނީގެ ރީބްރޭންޑިން އާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ. މި އެޕްގެ ތެރެއިން ކަސްޓަމަރުންގެ ޕްރޮފައިލްގެ މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިން ފެސިލިޓީތަކުގެ މައުލޫމާތު ލިބެން ހުންނާނެއެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލެވޭ ޑިޖިޓަލް މާކެޓްޕްލޭސްއެއް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފް ކުރުމަށްވެސް އެކުންފުނިން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި، ހިދުމަތް ހޯދާ ފަރާތްތަކާއި، އަދި ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭނެ މަގެއް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.
ރީބްރޭންޑިންގއާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ރީބްރޭންޑިން އަކީ އީޖާދީ ހައްލުތަކާއި، ޒަމާނީ ޓެކްނޮލޮޖީއާއި، އަދި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށް އަޅުގަނޑުމެން ވެފައިވާ ވައުދުގެ ފެށުމެއް ކަމަށެވެ. މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، މީގެ އިތުރުން، ވިޔަފާރި ގުޅުންތައް ބިނާކުރުމާއި، ފަންނީ މައުލޫމާތު ހޯދުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް ބަދުރުއްދީން ވަނީ އެސްއެމްއީ ޑިޖިޓަލްއިން މި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެސްއެމްއީ ޑިޖިޓަލް އަކީ ރާއްޖޭގައި އެމްއެސްއެމްއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ، އެންމެ ޒަމާނި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ، އިސްލާމީ ޝަރީއާ އާއި އެއްގޮތްވާގޮތަށް ގާއިމުކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ. މި އިދާރާގެ އާ ބްރޭންޑް އައިޑެންޓިޓީއާއި އަލަށް ތައާރަފްކުރެވޭ ޑިޖިޓަލް ވަސީލަތްތައް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު ތަފާތު މަރުހަލާތަކެއްގެ ތެރެއިން ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.






