ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އަލަށް ތަރައްގީކޮށްފައިވާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފި އެވެ. މިކަން ފާހަގަކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.
މިއަދު ހެނދުނު ވެލާނާ އެއާޕޯޓުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. މި ރަސްމިއްޔާތުގައި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 118 ފަސިންޖަރުންނަށް އެމްއޭސީއެލް އިން ހަދިޔާ ދީފައިވެ އެވެ. މީގެ އިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ބޯޓު AI2239 އިން ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އެއާ އިންޑިއާގެ ބޯޓުން މިއަދު ވަނީ 118 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައި/ ފޮޓޯ: އެމްއޭސީއެލް
އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގަ އެވެ.
އެއާ އިންޑިއާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 18 އަށް އަރާފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. ޓާމިނަލް 1 އިން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.






