ވީއައިއޭގެ ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 36 ދުވަސް ކުރިން - 25 އޮކްޓޯބަރު 2025 18:46
ޓާމިނަލް އެކަކުން ހިދުމަތްދޭންފެށި ވާޖިން އެޓްލާންޓިކްގެ ފްލައިޓް. މި ފްލައިޓުން ދަތުރުކުރި 258 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ--- ފޮޓޯ: އެމްއޭސީއެލް
ޓާމިނަލް އެކަކުން ހިދުމަތްދޭންފެށި ވާޖިން އެޓްލާންޓިކްގެ ފްލައިޓް. މި ފްލައިޓުން ދަތުރުކުރި 258 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ވާޖިން އެޓްލާންޓިކްގެ އިތުރުން ބްރިޓިޝް އެއާވޭސްއަށްވެސް ޓާމިނަލް އެކަކުން ވަނީ ހިދުމަތްދޭން ފަށައިފަ، އެހެންކަމުން ޖުމުލަ 14 އެއާލައިނަކަށް މި ވަގުތު އަންނަނީ ހިދުމަތްދެމުން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް އެކަކުން ވާޖިން އެޓްލާންޓިކް އަށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް އެކަކުން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އެވެ. މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް VS384 އިން ރާއްޖެ އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއްވެސް ކިޔައިފަ އެވެ.

ވާޖިން އެޓްލާންޓިކް އަކީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެވެ. ޓާމިނަލް އެކަކުން އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން ކަމަށްވާ ބްރިޓިޝް އެއާވޭސްއަށްވެސް ހިދުމަތް ދޭން ފަށައިފަ އެވެ.

ވާޖިން އެޓްލާންޓިކް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 14 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%