ގަރުނުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީ އަޔަލެންޑުގެ ކީޕަރު ކެލެހާރ ދިފާއުކުރުމުން އެއްވަނައިގައި އޮތް ޕޯޗުގަލް ތިން ޕޮއިންޓުން މަހުރޫމުވާން ދަނިކޮށް މެދުތެރެއަށް ކުޅޭ ރުބެން ނެވެސް އެ ގައުމު ސަލާމަތްކޮށްދީފި އެވެ.
މުޅި މެޗު ޑޮނިނޭޓުކޮށްގެން ޕޯޗުގަލް ކުޅުނު ނަމަވެސް ގޯލުގެ ތިން ދަނޑިން އެތެރެއަށް ބޯޅަ ވައްދާލަން ފަސޭހައެއް ނުވި އެވެ. އަޔަލެންޑުގެ ކުޅުންތެރިއެއްގެ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހިފައިވުމުން ޕޯޗުގަލަށް ލިބުނު ޕެނަލްޓީ 75 ވަނަ މިނެޓުގައި ޖަހާފައިވަނީ އެ ޓީމުގެ ތަރި ރޮނާލްޑޯ އެވެ. ނަމަވެސް އަޔަލެންޑުގެ ކީޕަރު ވަނީ އޭނާގެ ފައިން އެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ. ތާވަލުގެ ފުލުގައި އޮތް ގައުމު އަތުން އެއްވަރުވާން ދިޔަ ޕޯޗުގަލަށް ތިން ޕޮއިންޓް ލިބުނީ 1+90 ވަނަ މިނެޓުގައި ޓްރިންކާއޯ ނަގައިދިން ހުރަހެއް ރުބެން ނެވެސް ގޯލަށް ވައްދާލައިގެންނެވެ.
މި މެޗުގައި އަޔަލެންޑަށް ހެދުނީ ޖުމްލަ ދެ ޝޮޓެވެ. ނަމަވެސް އެންމެ ޝޮޓެއް ވެސް ގޯލާ އަމާޒުވެފައެއް ނުވެ އެވެ. އަދި ޕޯޗުގަލުން ވަނީ ޖުމްލަ 15 ހަމަލާ އުފައްދާ އޭގެ ތެރެއިން ހަ ހަމަލާ ގޯލާ އަމާޒުކޮށްފައެވެ.
މި މޮޅާ އެކު ޕޯޗުގަލް މިވަނީ ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓު ހޯދާފަ އެވެ. ގްރޫޕް އެފް ގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ހަންގޭރި އޮތްއިރު ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އަރްމޭނިއާ އެވެ. ފުލުގައި އަޔަލެންޑު އޮތީ އެއް ޕޮއިންޓާއެކު އެވެ.