ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް އެކަކުން ގަލްފް އެއާއަށްވެސް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް އެކަކުން ގަލްފް އެއާއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަބްދުالله ގިޔާސް އެވެ. މި ރަސްމިއްޔާތުގައި ގަލްފް އެއާގެ އެއާޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސް, އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް, އެމްއޭސީއެލް އާއި ގަލްފް އެއާގެ އިސްވެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގަންނަވައިފަ އެވެ.
މި ރަސްމިއްޔާތުގައި ގަލްފް އެއާ އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. މީގެ އިތުރުން ޓާމިނަލް އެކަކަށް ކައިރި ކުރި ގަލްފް އެއާގެ ފުރަތަމަ މަތިންދާ ބޯޓު، GF145 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 18 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ގަލްފް އެއާއަކީ ބަހްރެއިންގެ ގައުމީ އެއާލައިން އެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ގަލްފް އެއާ އިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް ބާއްވާކަން ފާހަގަކޮށްލަންޖެހެ އެވެ.
ގަލްފް އެއާއަކީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ނުވަވަނަ އެއާލައިން އެވެ. އަދި ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި މެދު އިރުމަތީގެ ދެވަނަ އެއާލައިނެވެ. ޓާމިނަލް އެކަކުން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް އަދި އިންޑިގޯއެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.









