މުދައްރިސުންނަކީ ހަމައެކަނި ދަރިވަރުންނަށް އުނގަންނައިދޭ ބައެއް ނޫނެވެ. މުދައްރިސުންނަކީ އެމީހުން ކިޔަވައިދޭ ދަރިވަރުންގެ ދެވަނަ މައިންބަފައިންނެވެ. މިހެން ބުނަންޖެހެނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. މައިންބަފައިންނަށް ފަހު ދަރިވަރުންނަށް ތައުލީމާއި ތަރުބިއްޔަތު ދޭ ފަރާތަކީ މުދައްރިސުންނެވެ. އެހެންނަމަވެސް މުދައްރިސުންނަށް ލިބޭ އާމްދަނީއަކީ އެމީހުން ކުރާ ބުރަ މަސައްކަތްތަކަށް ލިބެންޖެހޭ ހައްގު މިންވަރު ހެއްޔެވެ؟ މިއީ ވަރަށް ގިނަ ފަރާތްތަކުން އުފައްދަމުން އަންނަ ސުވާލެކެވެ. އެހެންކަމުން މުދައްރިސުންނަކީ ކޮބައި ކަމާއި އެމީހުން ކުރާ މަސައްކަތްތަކާއި އެމީހުންނަށް ލިބޭ މުސާރައަށް ބަލައިލަމާ ހިނގާށެވެ.
މުދައްރިސުންނަކީ ކޮބާ؟
ކޮންމެ މުޖުތަމައެއްގެ ތަރައްގީއާއި ކުރިއެރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ މުދައްރިސުންނެވެ. މުދައްރިސުންނަކީ ތައުލީމީ ދާއިރާގެ ހިތްކަމުގައިވާއިރު އެމީހުންނަކީ، ދަރިވަރުންގެ މުސްތަގުބަލު އުޖާލާކޮށް މަގުދައްކައިދޭ ފަރާތްތަކެވެ. މުދައްރިސުންނަކީ ހަމައެކަނި ފޮތުގައި އޮންނަ އެއްޗެއް ދަރިވަރުންނަށް ކިޔަވައިދޭ ބައެއް ނޫނެވެ. އެމީހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އެއަށްވުރެ ބޮޑެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް އިލްމީ ގޮތުންނާއި، އަހްލާގީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުން ކުރިއެރުން ގެނެސްދިނުމަށް މަސައްކަތްކުރާ މެންޓަރެކެވެ. އެމީހުންނަކީ ހުނަރާއި، މައުލޫމާތާއި، ރަނގަޅު އަހްލާގީ ސިފަތައް ދަރިވަރުންނަށް އުނގަންނައިދީ، މުޖުތަމައުއަށް ނުކުންނަން ބޭނުންވާ މޮޅެތި ބަޔަކަށްވުމަށް ދަރިވަރުންނަށް އެހީތެރިވެދޭ ބައެކެވެ.
މުދައްރިސުންނަކީ ދަރިވަރުންގެ ހަޔާތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. އެ މީހުންގެ އިރުޝާދުގެ ދަށުން ދަރިވަރުން ބޮޑުވަމުން އަންނާތީ، އެމީހުންނަކީ މުޖުތަމައުއަށް ބޭނުންތެރި އަދި މުހިއްމު ބަޔަކަށް ވަނީ ވެފަ އެވެ.
ކުލާހެއްގައި މުދައްރިސަކު ކިޔަވައިދެއްވަނީ--- ފޮޓޯ: އިންޓަނެޓް
މުދައްރިސުންގެ ފަރާތުން މުޖުތަމައުއަށް ކުރާ ފައިދާތައް
މުދައްރިސުންގެ ފަރާތުން ދަރިވަރުންގެ އުނގެނުމާއި ވިސްނުމުގެ ތަރައްގީއަށް ވަރަށް މުހިއްމު އަދި ހެޔޮ ބަދަލުތަކެއް ގެނެސްދީ އިލްމުވެރި ޖީލެއް ބިނާކުރެވިގެންދެ އެވެ. ސަބަބަކީ މުދައްރިސުންނަކީ ދަރިވަރުންގެ ހިތްތަކަށް އިލްމުގެ އަލިކަން ގެނެސްދޭ ބަޔަކަށްވެފައި، އެމީހުންގެ މަސައްކަތުން ދަރިވަރުންނަކީ ދުނިޔެއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ބިނާވެގެންދާތީ އެވެ.
މުދައްރިސުންގެ ސަބަބުން ތައުލީމީ ގޮތުން ކުރިއަރާފައިވާ މުޖުތަމައުއެއް އުފެދި، ތަފާތު ދާއިރާތަކުން މޮޅެތި ބަޔަކު އުފެދި، ގައުމުގެ ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދެ އެވެ. ޑޮކްޓަރުންނާއި، އިންޖީނިއަރުންނާއި، ސައިންސްވެރިންނާއި، ދީނީ އިލްމުވެރިންނާއި ޕައިލެޓުންނާއި ނޫސްވެރިން އަދި އެހެން މުދައްރިސުން އުފެއްދުމުގެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މުދައްރިސުންނެވެ. ހަމައެހެންމެ، އިސްލާމީ ރިވެތި އާދަތަކާއި، އަހްލާގީ ރިވެތި ސިފަތައް ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވައިދިނުމުގައި މުދައްރިސުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން، މުދައްރިސުންގެ ސަބަބުން ދަރިވަރުންނަށް ދުނިޔޭގެ ތަފާތު މުޖުތަމައުތަކާއި، ސަގާފަތްތަކާއި، ތާރީހާއި ބެހޭ މައުލޫމާތު ދަސްވެ، އެކުދިންނަކީ ދުނިޔެއަށް ލޯ ހުޅުވިފައި ތިބި ތަހުޒީބީ ބަޔަކަށް ވެގެންދެ އެވެ.
މުދައްރިސުން ކުރާ މަސައްކަތްތަކާ އެކަމަށް ގުރުބާންކުރާ ވަގުތުތައް
މުދައްރިސެއްގެ މަސްއޫލިއްޔަތުތަކަކީ ހަމައެކަނި ކްލާސްރޫމެއްގެ ތެރޭގައި ދަރިވަރުންނަށް ކިޔަވައިދިނުމެއް ނޫނެވެ. ފިލާވަޅުތައް ރާވައި ތައްޔާރުކުރުމާއި، ކުލާހުގައި ކިޔަވައިދީ ދަރިވަރުންނަށް އުނގަންނައިދިނުމާއި، އިޖުތިމާއީ އަދި އިސްލާމީ ރިވެތި އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް އިރުޝާދު ދިނުމާއި، ކުރިއެރުން ވަޒަންކުރުމަށް އިމްތިހާނުތައް ބާއްވައި ފީޑްބެކް ދިނުމާއި، ދަރިވަރުންގެ ރެކޯޑްތައް ބަލަހައްޓައި ހާޒިރީ ނެގުންފަދަ ކަންކަމަކީ މުދައްރިސުން ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތްތަކެކެވެ.
ގިނަ މުދައްރިސުންނަކީ ހަފުތާގެ ހަތް ދުވަހުގެ ތެރެއިން ހަ ދުވަހު މަސައްކަތްކުރާ ބައެކެވެ. އެ މީހުންގެ ރަސްމީ ޑިއުޓީ ފެށޭ ގަޑިއަކީ ކޮންމެ ދުވަހެއްގެ ހެނދުނު 06:45 ކުން ފެށިގެން މެންދުރު 12:00 އާއި ހަމައަށެވެ. މީގެ އިތުރަށް ވެސް، ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެކްސްޓްރާ ކްލާސްތަށް ވެސް އެ މީހުން ބާއްވަ އެވެ.
މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތަށް
މަސައްކަތުގެ ބުރަ: މުދައްރިސުންގެ ބޮލުގައި އެޅިފައިވާ މަސައްކަތުގެ ބުރަ ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ހަފުތާގެ ހަތް ދުވަހުގެ ތެރެއިން ހަ ދުވަހު ފިލާވަޅުތައް ރާވައި، ކިޔަވައިދިނުމުގެ އިތުރުން ދަރިވަރުންގެ އެސައިންމަންޓްތަކާއި އިމްތިހާނުތައް މާކު ކުރުމާއި، އިތުރު ހަރަކާތްތައް ހިންގަންޖެހެ އެވެ. މިކަމުގެ ސަބަބުން މަސައްކަތަށް ހޭދަކުރާ ވަގުތު އިތުރުވެ، އަމިއްލަ ނަފުސަށް ދޭންޖެހޭ ވަގުތު ގިނަފަހަރަށް ނުދެވެ އެވެ.
ދަރިވަރުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް: ކޮންމެ ދަރިވަރަކީ ވެސް ތަފާތު ކުއްޖެކެވެ. ދަރިވަރުންގެ ތެރޭގައި ވެސް ނަފްސާނީ މައްސަލަތައް ހުންނަ ދަރިވަރުން ވަރަށް ގިނަ އެވެ. މިފަދަ ދަރިވަރުންނަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަކީ މުދައްރިސުން ވަރަށް އިސްކަމެއް ދީގެން ކުރަންޖެހޭ ކަމަކަށް ވާއިރު ބައެއް ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތަކުގެ ސަބަބުން ކްލާސްރޫމުގައި ތިބޭ އެހެން ދަރިވަރުންނަށް ވެސް އެކަމުގެ އަސަރުކުރެ އެވެ.
ވަސީލަތްތަކުގެ ދަތިކަން: އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތަކާއި، އާލާތްތައް ނެތުމަކީ މުދައްރިސުންނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އަދިވެސް ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ވަރަށް މަދެވެ. މިކަމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.
ކަރިކިއުލަމްއަށް އަންނަ ބަދަލުތައް: ތައުލީމީ ދާއިރާގައި ގިނަ ފަހަރަށް ކަރިކިއުލަމްއަށް ބަދަލު އަންނަނީ އަވަސް އަވަހަށެވެ. މިކަމުގެ ސަބަބުން މުދައްރިސުންނަށް ކިޔަވައިދިނުމުގެ އުކުޅުތަކާއި، ކަރިކިއުލަމްއަށް އަވަސް އަވަހަށް ހޭނެން ޖެހުމަކީ ނުހަނު ގިނަ ވަގުތު ބޭނުންވާނެ ކަމެކެވެ.
މުސާރައާއި އިނާޔަތްތައް: ދިރިއުޅުމުގެ ހަރަދުތަކާއި ތަކެތީގެ އަގު އުފުލެމުން އަންނަ ދުވަސްވަރެއްގައި، މުދައްރިސުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކަކީ، އެމީހުން ކުރާ ބުރަ މަސައްކަތާއި އަޅާބަލާއިރު ވަރަށް ކުޑަ އަދި ދެކޮޅު ނުޖެހޭ މިންވަރެކެވެ.
ކުލާހެއްގައި މުދައްރިސުންތަކެއް ކިޔަވައިދެއްވަނީ--- ފޮޓޯ: އިންޓަނެޓް
މުދައްރިސުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް
މުދައްރިސުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ބިނާވެފައި އޮންނަނީ އެމީހުންގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާގެ މައްޗަށެވެ. އާއްމުކޮށް މުދައްރިސުންނަށް ލިބޭ މުސާރައިގެ ބައިތަކަކީ:
އަސާސީ މުސާރަ: މިއީ މުދައްރިސުންގެ ތައުލީމީ ފެންވަރަށް ބިނާވެފައިވާ އަސާސީ މުސާރައެވެ. މިސާލަކަށް: ޑިޕްލޮމާ، ބެޗެލާސް ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީ ފެންވަރުގެ މުދައްރިސުންނަށް ވަކިވަކި މުސާރައިގެ ސްޓްރަކްޗާއެއް އޮވެ އެވެ.
މަގާމުގެ އެލަވަންސް: މިއީ އަދާކުރާ މަގާމަށް ބަލައި ދެވޭ އިނާޔަތެކެވެ.
ހާޒިރީ އެލަވަންސް އަދި އޯވާޓައިމް އެލަވަންސް: ހާޒިރީ އެލަވަންސްއަކީ ހާޒިރުވާ ކޮންމެ ދުވަހަކަށް ލިބޭ އިނާޔަތެކެވެ. އޯވާޓައިމް އެލަވަންސްއަކީ އިތުރުގަޑީގައި މަސައްކަތް ކުރުމުން ލިބޭ އިނާޔަތެކެވެ.
މުދައްރިސުންނަށް މުސާރަ ދިނުމުގައި ރާއްޖޭގައި ކަނޑައަޅާފައި އޮންނަ ގޮތް.
މުދައްރިސުންނަށް ލިބޭ މުސާރައިން ދެކޮޅުޖެހޭ ހެއްޔެވެ؟
މުދައްރިސުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކުން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖެއްސުމުގައި އެމީހުންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި ގޭގެ ކުލި، ކާބޯތަކެތި، ކަރަންޓާއި ފެން ބިލު، އިންޓަނެޓާއި ޓީވީ ބިލު އަދި އެހެނިހެން ހަރަދުތައް ދުވަހުން ދުވަހަކަށް ބޮޑުވަމުންދާތީ، މުދައްރިސުންނަށް ލިބޭ މުސާރައިން މި ހުރިހާ ހަރަދެއް ދެކޮޅު ޖެއްސުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ. ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހޭތީ މުދައްރިސުންނަށް ވަނީ މަސައްކަތުގެ ބޭރުން އިތުރު މަސައްކަތްތައް (މިސާލަކަށް ޓިއުޝަން ދިނުން ފަދަ ކަންކަން) ކުރުމަށް މަޖުބޫރުވެފަ އެވެ.
ކަން މިހެން އޮތުމާއެކު، މުދައްރިސުންނަށް ލިބޭ މުސާރައަކީ އެމީހުންނަށް ލިބެންޖެހޭ ހައްގު މިންވަރު ކަމަށް ގަބޫލެއް ނުކުރެވެ އެވެ. މުދައްރިސުންނަކީ އެމީހުންގެ އަމިއްލަ ނަފުސަށްދޭ ވަގުތަށް ވުރެ ބޮޑަށް، މަސައްކަތް ކުރާ ދާއިރާއަށް އިސްކަންދޭ ބައެކެވެ. އެހެންކަމުން، ދިރިއުޅުމުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ދުވަސްވަރެއްގައި އަދި އެމީހުން ކުރާ މަސައްކަތާ އެއްވަރަށް އެމީހުންގެ މުސާރަ ވެސް މިހާރަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ.