ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ރޭ ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުންދިޔަ މީހާގެ ހާލު ރަނގަޅުވެ، މިހާރު އޭނާ ކޮރޯނަރީ ކެއަރ ޔުނިޓް (ސީސީޔޫ) ގައި އެޑްމިޓްކޮށްފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް)އިން ހާމަކޮށްފި އެވެ. މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދު ދިނުމުގެ ގޮތުން ހޮސްޕިޓަލުން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.
އައިޖީއެމްއެޗުން ބުނީ، އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިއަކު މޭގަ ރިއްސައި، އެކިއުޓް މަޔޯކަރޑަލް އިންފާކްޝަން (އެމްއައި ނުވަތަ ހާޓް އެޓޭކް) އެއް ޖެހުނު ހާދިސާއާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތައް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ. އަދި މި ހާދިސާއަށްފަހު ބަލިމީހާއަށް ފަރުވާދީ، ހާލު ރަނގަޅުވެ، މިހާރު އޭނާ ސީސީޔޫގައި އެޑްމިޓްކޮށްފައިވާކަމަށް ހޮސްޕިޓަލުން ފާހަގަކުރި އެވެ.
ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ލޭހޮޅިތައް ނުވަތަ ލޭ ހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެންކަމަށެވެ. މިއީ އާންމުކޮށް ބަލިމީހާގެ ހުންނަ، ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ދިމާވާކަމެއްކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ޕެޕަރ ސްޕްރޭގެ ސަބަބުން ހާޓް އެޓޭކް ޖެހުމާ ގުޅޭގޮތުންވެސް އައިޖީއެމްއެޗުން ބުނީ، ޕެޕަރ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވާޔަށް އުނދަގޫކޮށް، ކެއްސައި އަދި މިފަދަ "ސްޓެރްސް ރެސްޕޮންސް" ތައް އައި ނަމަވެސް ޕެޕަރ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫންކަމަށެވެ. ނަމަވެސް، ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން، ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެފަރާތަކަށްމެ، އެ ފަރާތެއްގެ ހާލަތަށް ބަލައި އެވަގުތު ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް ދޭނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާފަ އެވެ.