ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ ހީވާގި މުވައްޒަފުންނަށް އަހަރީ ބޯނަސް ޖަމާކޮށްދީފިއެވެ. އެ ކުންފުނިން ކޮންމެ މުވައްޒަފަކަށްވެސް ޖަމާކޮށްދީފައިވަނީ ނިމިދިޔަ އަހަރުތަކެކޭވެސް އެއްގޮތަށް 25،000 ދިވެހި ރުފިޔާ އެވެ.
މުސާރައިގެ އެއްބައި ޑޮލަރުންދޭ އެމްއޭސީއެލް ވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާވާ އެއް ކުންފުންނަށެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު ކަމަށްވާ ވެލާނާ އެއާޕޯޓު ބަލަހައްޓާ ކުންފުނިން އެ ކުންފުނީގެ ބޯނަސް ކޮންމެ އަހަރެއްގައިވެސް ދެއެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޖެހިޖެހިގެން ދެ އަހަރު ކޯވިޑާއި ގުޅިގެން މުވައްޒަފުންނަށް ބޯނަސް ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސޯދު ދަށަށް ދިޔުމަށްފަހު އެ ކުންފުނީގެ ސާފު ފައިދާ ނިމިދިޔަ އަހަރު ވަނީ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް އަރާފައެވެ. އެކުންފުންޏަށް ނިމިދިޔަ އަހަރު ޓެކްސް ދެއްކުމަށްފަހު 1,081,461,000 ރުފިޔާގެ ފައިދާ ލިބިފައިވާކަމަށް އެންމެ ފަހުގެ އޯޑިޓް ރިޕޯޓުން ދައްކައެވެ.
އެމްއޭސީއެލް އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތައް މަގުފަހިކޮށްދޭ ކުންފުންޏެވެ. ޖުލައި މަހު ހުޅުވި އައު ފަސިންޖަރުންގެ ޓާމިނަލާއެކު އެ ކުންފުނިން ވަނީ އޮޕަރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައެވެ.