މިއަދުން ފެށިގެން ސަލްމާން މިސްކިތުގައި ހުންނަ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ގަޑިތައް އިތުރުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނެފައިވަނީ މިއަދުން ފެށިގެން ސަލްމާން މިސްކިތުގެ ދެވަނަ ފަންގިފިލާގައި ހުންނަ އިސްލާމިކް ލައިބްރަރީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން ރޭގަނޑު 21:30 އާ ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.
އަހަރުތަކަށް ފަހު މެދުކެނޑިފައިވާ އިސްލާމިކް ލައިބްރަރީ މިއަހަރު ޖުލައި 25 ވަނަ ދުވަހުގެ ރޭ ހުޅުވާފައިވާއިރު އެތަން ހުޅުވާފައިވަނީ 15،000 އަށްވުރެ ގިނަ ފޮތްތަކާއެކުގައެވެ. ހިތްފަސޭހަ މާހައުލަކާއެކު އެތަން ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އިސްލާމިކް ލައިބްރަރީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސައުދީގެ އަލް އިމާމު މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ވަނީ ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64،000 ފޮތް ހަދިޔާކޮށްފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އަދި ގާއިމްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުކެވެ.