މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތެެއް ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މި މޭރުމުން ބުނެފައި މިވަނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިސްނަގައިގެން މި މަހުގެ ތިންވަނަ ދުވަހު ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭގޮތަށް މާލޭގައި އެއްވުމެއް ބޭއްވުމަށް ނިންމުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ގާނޫނު ނަންބަރު 1/2013 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް، ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މި ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމަށްއ ދެކޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އެދިފަ އެވެ.