ލަލީގާގައި އުފެދިފައިވާ އެންމެ ވަރުގަދަ ޑަރބީ (މެޑްރިޑް ޑަރބީ) ގައި ރިއަލް މެޑްރިޑް ބަލިވުމުގެ ފައިދާ ނަގައި މިރޭގެ މޮޅާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ރިއަލް ސޮސައިޑޭޑާ ވާދަކޮށް ބާސެލޯނާ މޮޅުވެފައިވަނީ ފަހަތުން އަރައި 1-2 ގެ ނަތީޖާއިންނެވެ. އަނިޔާއަށް ފަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ލަމިން ޔަމާލް ދަނޑުމަތިން ފެނުނު މި މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ސޮސައިޑާޑަށް ޖަހައިދިނީ އަލްވާރޯ އޮޑްރިއޮޒޯލާ އެވެ. އޮޑްރިއޮޒޯލާ މި ގޯލު ޖެހީ ބަރެނެޓްޒިއާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ސޮސައިޑާޑް ގެ ގޯލު ޖަހައިދިން އޮޑްރިއޮޒޯލާ - ފޮޓޯ: ރިއަލް ސޮސައިޑާޑް
މެޗު އެއްވަރުކޮށްދިން ގޯލު ބާސެލޯނާއަށް ޖަހައިދިނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރަޝްފޯޑު ނަގައިދިން ކޯނަރެއް ބޮލުން ގޯލަށް ވައްދާލާ ކުންޑޭ އެވެ. ބާސެލޯނާ މޮޅުވި ގޯލު 59 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލެވަންޑޮސްކީ އެވެ. މި ގޯލު ޖެހުމަށް އެހީތެރިވެދިނީ ޔަމާލެވެ.
ބާސެލޯނާ މޮޅުވި ގޯލަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: ބާސެލޯނާ
ބާސެލޯނާއަށް އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިބުނީ އެކުވެރި އެތްލެޓިކޯ މެޑްރިޑުން ހަޑިގޮތަކަށް ރިއަލް މެޑްރިޑް ބަލިކުރުމުންނެވެ. 2-5 ގެ ނަތީޖާއިން ރިއަލް މެޑްރިޑް މި ބަލިވި ބަލިވުމަކީ މި ސީޒަނުގައި އެ ކުލަބަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. ބާސެލޯނާއަށް ހަތް މެޗުން 19 ޕޮއިންޓު ލިބިފައިވާއިރު ރިއަލް އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ތިން ވަނައިގައި ވިޔަރެޔާލް އޮތީ 16 ޕޮއިންޓު ހޯދައިގެންނެވެ.